ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ހޮނިހިރު ދުވަހުގެރޭ ފަތިހު 04:00 ހާއިރު ހިނގި މި ހާދިސާ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކޮންޓްރޯލް ކޮށްފައެވެ.
ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާގައި ރޯވެފައިވަނީ މަޖިލީގުގެ އިދާރާގެ ފުރަތަމަ ފަންގިފިލާގެ ވުޟޫކުރަން ބޭނުންކުރާ ތަނުގައި ހުރި ޑަސްބިނަކާއި ޓިޝޫ ފޮއްޓެއްގައި ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ހާދިސާ ހިނގުމުގެ ސަބަބުން މަޖިލިސް އިމާރާތުގެ އެތެރެއަށް ދުން ފެތުރުނު އިރު، ސިފައިން ވަނީ އިމާރާތްތެރެއިން ދުން ބޭރުކުރުމަށްވެސް މަސައްކަތް ކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް ކުރާ އިމާރާތުގައި ޓީޝޫ ފޮއްޓެއްގައި ރޯވި މިއީ ދެވަނަ ފަހަރެވެ. މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ އިރު އޮއްސުނު ވަގުތު މަޖިލިސް އިދާރާގެ ފާހާނައެއްގައި ހުރި ޓީޝޫ ފޮއްޓެއްގައި ރޯވުމުގެ ސަބަބުން މަޖިލީހުގެ ޖަލްސާތައްވެސް މެދުކަނޑާލާފައިވެއެވެ.