ހޮނިހިރު ދުވަހުގެރޭ މާލޭގައި ވަޅިޖަހައި ޒުވާނަކު މަރާލުމާއި ގުޅިގެން ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަންގެ ދަށުން، މަގުބަންދުކޮށްގެން މާފަންނު އޭއެމްޑީސީ އާއި ހިސާބުން ފެށިގެން ކަޅިރަވަ ފިހާރަ އާއި ހަމައަށްވާ ސަރަޙައްދުގައި ފުލުހުން ވަނީ ހަރަކާތްތެރި ވެފައެވެ. އެސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެފައިވާއިރު، އެ ސަރަޙައްދުގައި ހުރި ގެއެއްގެ ދޮރު ވައްޓާލައިގެން ފުލުހުން އެ ގެއަށް ވަދެފައިވާ ކަމުގެ މައުލޫމާތެއްވެސް ވަނީ ލިބިފައެވެ.
ހޮނިހިރު ދުވަހުގެރޭ ހިންގި މާރާމާރީގައި ދެ ޒުވާނަކު ޒަޚަމްވެ އޭގެތެރެއިން އެކަކުވަނީ މަރުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 19 އަހަރުގެ މޫސާ އަހުމަދު މަނިކު ކިޔާ ވ ކެޔޮދޫ ޒުވާނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެކަރާއި ކަންފަތް ދޮށަށް ވާ ގޮތައް ވަނީ ވަޅި ޖަހާފައެވެ.އަނެއް ޒުވާނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު އޭނާއާ ބެހޭ އިތުރު ތަފްސީލެއް ނުލިބެއެވެ.