ށ ބިލެތްފަހީ އިންޖީނުގޭގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެއެވެ.
ފުލުހުންވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 11:55 ހާއިރު ކަމަށާއި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށެވެ
ބިލެތްފަހިން ރާއްޖެ އެމްވީއަށް މައުލޫމާތުދިން ޢަބްދުލް ޢަޒީޒް ބުނީ އިންޖީނުގޭގެ ފުރާޅާއެކު، އިންޖީނުގެ އަނދާ ހުލިވެ ބިމާ ހަމަވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސްމީހަކު ޒަޚަމްވެފައި ނުވާކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ މިހާރު މުޅި ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށާއި ރަށުގެ ރައްޔިތުން ނުކުމެ އަލިފާންގަނޑު ނިއްވާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެރަށު ކައުންސިލް މެންބަރު އަހުމަދު ނާފިޒް ރާއްޖެ އެމްވީއަށް ވިދާޅުވީ އެތަނުގައި ހަތަރު ޖަނަރޭޓަރު ހުންނާނެ ކަމަށާއި އެއީ 120 ކިލޯވޮޓާއި، 112 ކިލޯވޮޓް އަދި 80 ކިލޯވޮޓްގެ އިތުރުން 28 ކިލޯވޮޓުގެ ޖަނަރޭޓަރެއް ކަމަށެވެ.
ނާފިޒް މިރޭ 12:40 ހާއިރު ވިދާޅުވީ ހިސާބަކަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.