ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މިރޭ ޒަޚަމްވި ދެމީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލްވެސް ވަނީ ރާއްޖެ އެމްވީއަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ ދުނބުރި މިސްކިތް ކައިރީ ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ދެމީހަކު ޒަޚަމްވެފައިވާ ކަމަށާއި އެދެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިމާރާމާރީގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 11:22 ގައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 19 އަހަރުގެ މޫސާ އަހުމަދު މަނިކު ކިޔާ، ވ ކެޔޮދޫ ޒުވާނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެކަރާއި ކަންފަތް ދޮށަށް ވާގޮތައް ވަނީ ވަޅި ޖަހާފައެވެ. އަދި އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނީވެސް ޒުވާނަކަށެވެ. އުމުރުން 24 އަހަރުގެ އެ ޒުވާނާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އަދި ނުލިބެއެވެ.
މަންޒަރު ދުށް މީހަކު ބުނީ ބެލެވޭ ގޮތުގައި އެ މާރާމާރީ އަކީ ދެގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއް ކަމަށާއި ކުއްޖަކު ވެއްޓިފައި އޮތްތަން ފެނުނު ކަމަށެވެ. އެމާރާމާރީ ހިނގީ މާފަންނު ކަޅިރަވަ ފިހާރަ ކައިރީ ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ ފުލުހުން އައުމުގެ ކުރިން އެ ސަރަޙައްދުން އެއްބަޔަކު ދުވެފައި ހިނގައްޖެ ކަމަށާއި ވެއްޓުނު ޒުވާނާ ޓެކްސީއަކަށް ލައިގެން ގެންދިޔައީ ފުލުހުން ކަމަށެވެ. އަދި އެސަރަހައްދުގައި ތިބި އެހެން މީހުންގެ ގައިގައިވެސް ލޭ ހުރި ކަމަށެވެ.
އޭނާ ބުނީ ޒަޚަމްވި ކުއްޖާއަށް ހަމަލާދީފައި ވަނީ ވަޅިން ކަމަށާއި ފުލުހުން އައިރު އެސަރަހައްދުގައި ވަޅި އޮތް ކަމަށެވެ. އަދި އެޒުވާނާ ވަރަށް ބޮޑަށް ޒަޚަމްވެފައިވާނޭކަމަށް ބެލެވޭކަމަށްވެސް އޭނާ ބުންޏެވެ.