ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމްވި ދެމީހަކު އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލްވެސް ވަނީ ރާއްޖެއެމްވީއަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވި ދެމީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އެކަމުގެ މައުލޫމާތު ލިބުނީ މިރޭ 11:20 ގައި ކަމަށެވެ. އިތުރު މައުލޫމާތެއް އަދި ދެވެން ނެތްކަމަށް ފުލުހުން ބުންޏެވެ.
މަންޒަރު ދުށް މީހަކު ބުނީ ބެލެވޭ ގޮތުގައި އެ މާރާމާރީ އަކީ ދެގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއް ކަމަށާއި ކުއްޖަކު ވެއްޓިފައި އޮތްތަން ފެނުނު ކަމަށެވެ. އެމާރާމާރީ ހިނގީ މާފަންނު ކަޅިރަވަ ފިހާރަ ކައިރީ ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ ފުލުހުން އައުމުގެ ކުރިން އެ ސަރަޙައްދުން އެއްބަޔަކު ދުވެފައި ހިނގައްޖެ ކަމަށާއި ވެއްޓުނު ޒުވާނާ ޓެކްސީއަކަށް ލައިގެން ގެންދިޔައީ ފުލުހުން ކަމަށެވެ. އަދި އެސަރަހައްދުގައި ތިބި އެހެން މީހުންގެ ގައިގައިވެސް ލޭ ހުރި ކަމަށެވެ.
އޭނާ ބުނީ ޒަޚަމްވި ކުއްޖާއަށް ހަމަލާދީފައި ވަނީ ވަޅިން ކަމަށާއި ފުލުހުން އައިރު އެސަރަހައްދުގައި ވަޅި އޮތް ކަމަށެވެ. އަދި އެޒުވާނާ ވަރަށް ބޮޑަށް ޒަޚަމްވެފައިވާނޭކަމަށް ބެލެވޭކަމަށްވެސް އޭނާ ބުންޏެވެ.