ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް 45 މެންބަރުން ސޮއި ކުރައްވާ މައްސަލަ ހުށަހަޅުއްވާފައި ވަނިކޮށް މަސީހު އިންނެވުމަށް 10 ފޫޓް އުހުގައި ސްޓޭޖެއް ހައްދަވާ ކަމުގެ މައުލޫމާތި ލިބިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވަނީ އެމަސައްކަތް ކުރިއަށް ދާކަމަށް ވިދާޅުވެ، އެ މަސައްކަތް ކުރަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯއަކާއެކު ޓްވީޓެއް ކުރައްވާފައެވެ. މަހްލޫފް ވިދާޅުވީ އެ މަސައްކަތް ހޮނިހިރު ދުވަހު ފަށާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
Billoori kosheege badhaluga 10ft uhuga Maseeh innagothah bodu stage eh chamber therey hedhumuge masakkaiy MNDF inn kuriah ebagendhey pic.twitter.com/s1gXqCksi3
— Ahmed Mahloof (@AhmedMahloof) September 23, 2017
އެކަމާ ގުޅިގެން ރާއްޖެ ޓީވީގެ ނިއުސް ޓީމުން މަޖިލިސް ދޮށަށް ގޮސް ބެލިއިރު ސިފައިން ކަމަށް ބެލެވޭ ބަޔަކު މަޖިލީހުގެ ގޯތި ތެރޭގައި ލަކުޑި ކީހައިގެން މަޖިލިސް ޗެމްބެރ ތެރެއަށް ވައްދާ މަންޒަރު ވަނީ ފެނިފައެވެ. ނަމަވެސް އެއީ ކޮންކަމެއްތޯ ސުވާލުކުރުމުން އެމަސައްކަތް ކުރަންތިބި މީހުން ޖަވާބެއް ދީފައެއް ނުވެއެވެ.
މަޖިލީހުގެ އަމީން ޢާއްމު އަހުމަދު މުހައްމަދަށް މިކަމާ ގުޅޭ ގޮތުން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އެފަރާތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
އެމަސައްކަތް ކުރަނީ ސިފައިން ކަމަށް ބެލެވޭތީ އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމަށް ގުޅާލުމުން ވިދާޅުވީ އެފަދަ ސްޓޭޖެއް ހައްދަވާކަން އެބޭފުޅުންނަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި އިދާރީ ކަންކަން އެނގިވަޑައި ގަންނަވާނީ މަޖިލީހަށް ކަމަށެވެ. އަދި ސިފައިން ބައްލަވަނީ ސެކިއުރިޓީގެ ކަންކަން ކަމަށް އާޒިމް ވިދާޅުވިއެވެ.
ޗެމްބަރުގައި މަސީހު އިންނަވަން ސްޓޭޖެއް ހައްދަވާކަމަށް މައުލޫމާތު ލިބިފައި މިވަނީ މަސީހު އިންނަވާ ސަރަހައްދު ވަށައި ބިއްލޫރި ކޮއްޓެއް ހަދަން ނިންމާފައިވާ ކަމަށް ކުރިން މައުލޫމާތު ލިބިފައި ވަނިކޮށެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އިދިކޮޅު ފަރާތްތަކުން ގެންދަނީ މަޖިލީހުގެ މާލަމުގައި އިހްތިޖާޖުކުރަމުންނެވެ. އަދި މަޖިލީހުގެ ރައީސްކަމުގައި މަސީހަށް ނީނދެވޭނެ ކަމަށް އެ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.