ޓެރަރިޒަމްގެ އެއްވެސް ނުރައްކަލެއް ރާއްޖެއަށް އޮތް ނަމަ އެކަން ހާމަކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކިލައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަނގުރާމަވެރި އައިސިސް ޖަމާޢަތުން ރާއްޖެއަށް ހަމަލާއެއް ދޭން އުޅޭކަމުގެ ޖާސޫސީ މަޢުލޫމާތު ލިބުނު ނަމަވެސް، އެކަން ސިއްރު ކުރުމުގެ ބަދަލުގައި ރައްޔިތުންގެ ސަމާލު ކަމަށް ގެނައުމަކީ މުހިއްމު ކަމެއް ކަމަށް ދެކިލައްވާ ކަމަށެވެ.
ISIS inn Raajje ah hamalaeh dheyn ulheykamuge intel report eh libunas,ekan sirrunukoh rayyithunge samaalukamah genaun muhimmukamah dheken
— Ahmed Mahloof (@AhmedMahloof) September 23, 2017
އިލްތިމާސެއްގެ ގޮތުގައި ކުރެއްވި މި ޓްވީޓްގައި އައިސިސް ޖަމާޢަތަށް މަޚްލޫފް އިޝާރާތް ކުރައްވާފައި ވީނަމަވެސް، އައިސިސް ނުވަތަ އެހެންވެސް އެފަދަ ޖަމާޢަތަކުން އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމަށް ތުޙުމަތު ކުރައްވާފައެއް ނުވެއެވެ.
މަޚްލޫފް މިފަދަ އިލްތިމާސެއް ކުރެއްވިއިރު، ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ހޮނިހިރު ދުވަހު ވަނީ ރާއްޖޭގެ ވައިގެ މައި ބަނދަރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަތިޔާރާ އެކު ހަރަކާތްތެރިވާން ފަށާފައެވެ.
އެއާޕޯޓްގެ ސަލާމަތީ ކަންކަން ވަރުގަދަކުރި ކުރުމާ ގުޅޭ ގޮތުން، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފަށާފައި ވަނީ، ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިޒަމްގެ ޙަމަލާތައް ދިނުން އިތުރުވެފައިވާތީ އެކަމާ ގުޅިގެން އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް ސަލާމަތީ ކަންކަން ވަރުގަދަކުރީ ރާއްޖެއަށް ޓެރަރިޒަމްގެ އިންޒާރެއް، ނުވަތަ ނުރައްކަލެއް އޮވެގެން ނޫން ކަމަށާއި މިއީ ސަލާމަތީ ގޮތުން އަޅަމުންދާ ޚާއްޞަ ފިޔަވަޅުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ރާއްޖެޓީވީ އަށް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ ކަންކަން މިއަދުން ފެށިގެން އިތުރުކުރެވިފައިވާ ކަމަށާއި އަދި އެއާޕޯޓްގެ ސެކިއުރިޓީއާ ގުޅޭ ކަންކަން މަތިކުރެވިފައި ވަނީ އެމްއެންޑީއެފްއާ ކަމަށެވެ. އެހެންކަމުން އެއާޕޯޓް ސަރަހައްދު ބެލެހެއްޓުމުގައި އިތުރު ސިފައިން ހަރަކާތްތެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެއާޕޯޓްގެ ސަލާމަތީ ކަންކަން ވަރުގަދަކުރިއިރު، މި އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ރޭ މާލޭގެ ދެ ގެއަކާއި އޮފީހެއް ބަލައިފާސްކޮށް ބޮން ހެދުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށް، އެމީހުންގެ މައްޗަށް މިހާރު ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އެ މައްސަލައާ ގުޅިގެން ރަސްމީ ސިފައެއްގައި ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ބައެއް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މީހުން ރާވަމުން ދިޔައީ މާލޭގެ ފަސް ތަނެއްގައި ބޮން ގޮއްވުމަށެވެ.