ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
ބައެއް މީޑިއާތަކަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފަށާފައި މިވަނީ، ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިޒަމްގެ ޙަމަލާތައް ދިނުން އިތުރުވެފައިވާތީ އެކަމާ ގުޅިގެން އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް މިކަން މި ކުރަނީ ރާއްޖެއަށް ޓެރަރިޒަމްގެ އިންޒާރެއް ނުވަތަ ނުރައްކަލެއް އޮވެގެން ނޫން ކަމަށާ މިއީ ސަލާމަތީ ގޮތުން އަޅަމުންދާ ޚާއްޞަ ފިޔަވަޅުތަކެއް ކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ދާދި ފަހުން މިނިސްޓަރު ވަނީ އެއާޕޯޓަށް ޒިޔާރަތްކުރައްވައި ސަލާމަތީ ކަންކަން ބައްލަވާލައްވާފައެވެ.
އެއަރޕޯޓްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސިފައިން ހަރަކާތްތެރިވާން ފަށާފައިވާއިރު، ހޮނިހިރު ދުވަހުން ފެށިގެން އެއަރޕޯޓުން ފުރާ މީހުންގެ ފޮށިތަންމަތި ފަދަ ތަކެތި ބަލާ ފާސްކުރުމުގެ މަސައްކަތް ވެސް އިތުރަށް ހަރުދަނާ ކުރެވި، ދަތުރުވެރިންގެ ހަށިގަނޑު ބަލާ ފާސްކުރުމުގެ މަސައްކަތް ވެސް އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން އެޅުއްވި ޚާއްޞަ ފިޔަވަޅުތަކެއްކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ރާއްޖެޓީވީ އަށް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ ކަންކަން މިއަދުން ފެށިގެން އިތުރުކުރެވިފައިވާ ކަމަށާއި އަދި އެއާޕޯޓްގެ ސެކިއުރިޓީއާ ގުޅޭ ކަންކަން މަތިކުރެވިފައި ވަނީ އެމްއެންޑީއެފްއާ ކަމަށެވެ. އެހެންކަމުން އެއާޕޯޓް ސަރަހައްދު ބެލެހެއްޓުމުގައި އިތުރު ސިފައިން ހަރަކާތްތެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.