މިޔަންމާގެ ސިފައިން ކުރަމުންދާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން، ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީ ވުމަށްޓަކައި ފުއްވައްމުލަކު ސިޓީގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް އެބަދެ އެވެ.
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށްޓަކައި ފައިސާ ހޯދުމަށް އިސްކޮށް ހަރަކާތްތެރި ވަނީ އެރަށުގެ ގާޑިއަން އެސޯސިއޭޝަނުންނެވެ. އެ އެ ސޯސިއޭޝަނުން ވަނީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހޯދާ ފައިސާ އެެފަރާތްތަކާ ހަވާލުކުރުމަށް އިންޓަރ ނޭޝަނަލް އެއިޑް ކޭމްޕާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.
ގާޑިއަން އެސޯސިއޭޝަންގެ ފަރާތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ޝާފިއު އަލީ ބުނީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ފުވައްމުލަކުގައި މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ހަރަކާތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ރަށުގެ 10 ފިހާރައެއްގައި ފަންޑު ފޮށި ބަހައްޓާފައިވާ ކަމަށާއި އަދި މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް އެރަށުގައި ހުރި 10 ރެސްޓޯރެންޓެއްގެ ދުވަހުގެ ސޭލްސްގެ ގޮތުގައި ލިބޭފައި ފައިސާއިން 10 ޕަސެންޓާއި ފަސް ޕަސެންޓާ ދެމެދުގެ ފައިސާ ރޮހިންޖާ މުސްލިމުންނަށް އެހީވާ ފަންޑަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޝަފިއު ބުނީ ފަންޑު ފޮށިތައް ބަންދުކުރުމައި އިންޓަރނޭޝަނަލް އެއިޑް ކޭމްޕަށް ފައިސާ ހަވާލު ކުރުމަށް އޮންނާނީ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.
މީގެ އިތުރުން ޝާފިއު ބުނީ ރޮހިންޖާ މުސްލުމުންނަށް އެހީވުމަށް ހިންގާ މިހަރަކާތްތަކުގައި ފުވައްމުލަކު ސިޓީ ކައުންސިލުންނާއި ރަށުގެ އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަަމެވެ.
ޝާފިއު ބުނީ ފުވައްމުލަކު ހުރިހާ މުދިމުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޖާ ފަންޑަށް އެހީވުމަށް ނިންމާފައިވާ ކަމަށާއި އަދި ފުވައްމުލަކު ސިޓީ ކައުންސިލާއި އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުން ވެސް އެއް ދުވަހުގެ މުސާރަ ރޮހިންޖާ މުސްލިމުންނަށް ހަދިޔާ ކުރުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.
ޝާފިއު ބުނީ ފުވައްމުލަކުގައި އުޅޭ ބަންގްލަދޭޝް ރައްޔިތުން އިސްނަގައިގެން، ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހާއްސަ ފަންޑު ފޮއްޓެއް އަންނަ ހުކުރު ދުވަހު ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
މިދިޔަ އިގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިޔަންމާގެ ސިފައިންގެ ރޮހިންޖާ މުސްލިމުންނަށް ކުރަމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން ހަތަރު ލައްކައެއްހާ މީހުން ވަނީ ބަންގްލަދޭޝްއަށް ހިޖުރަ ކޮށްފަ އެވެ. ރޮހިންޖާ މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް ހުއްޓުވުމަށާއި ބަންގްލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ބަންގްލަދޭޝްއިން ވެސް ވަނީ ގޮވާލާފަ އެވެ.