ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނެ ތިން ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެތިން މީހުން ހައްޔަރު ކޮށްފައި ވަނީ ތުރުކީ މަގުން ސީރިޔާއަށް އެތެރެވާން އުޅެނިކޮށް ތުރުކީ ސިފައިންނާއެކު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި ތިން މީހުން ވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައި ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ދޭތެރެ ދޭތެރެއިން ސީރިއާގެ ހަނގުރާމައަށްދާ ކަމުގެ އަޑުތައް ފެތުރޭއިރު، ސީރިއާއަށް އެތެެރެވުމުގެ ކުރިން ބައެއް ދިވެހިން ހައްޔަރު ކޮށްފައި ވެސް ވެއެވެ.
ތުރުކީގައި ތިން މީހަކު ހިފަހައްޓާފައިވާއިރު މެލޭޝިޔާއިން ވެސް ވަނީ ދެ ދިވެއްސަކު ހަނގުރާމައަށް ދާން އުޅެނިކޮށް އަތުލައިގަނެ، ރާއްޖެ ފޮނުވާފައެވެ.
ސީރިއާގައި ކުރަމުންދާ ދާހިލީ ހަނގުރާމައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުންދަނީ އިސްލާމިކް ސްޓޭޓު (އައިއެސް)ގެ ނަމުގައި ހަރަކާތްތެރިވާ ޖަމާއަތަކުންނެވެ. ގިނަ ދިވެހިން ސީރިއާއަށް ދަނީވެސް އައިއެސް ޖަމާއަތާ ގުޅުމަށެވެ.
ސީރިއާގެ ހަނގުރާމައަށް ދަނިކޮށް ހައްޔަރު ކުރި ތިން މީހެއްގެ މައްޗަށް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ދަނީ ޝަރީއަތް ހިންގަމުންވެ.
ސީރިޔާއަށް ހަނގުރާމައަށް ދާން އުޅުނުކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ، ލ. މާމެންދޫ، މުރިނގު، އަހުމަދު ލަތީފާއި، ގދ. ރަތަފަންދޫ، ނީލްވީލާ، އަހުމަދު ސުހައިލް މޫސާ އާއި، ތ. ގާދިއްފުށީ ސެނެރީގޭ، މުނައްވަރު އަބްދުﷲ ގެ މައްޗަށެވެ.