ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށާއި އެ ޤައުމުގެ ވަލީއަޙުދު ހިޒް ރޯޔަލް ހައިނެސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށް ރައީސް ޔާމީން ފޮނުއްވި މެސެޖުގައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ އިސްލާމީ އަޚުވަންތަ ގާތް ގުޅުން، އެމަނިކުފާނު ވަރަށް ބޮޑަށް ވަޒަން ކުރައްވާ ކަމުގައި ވިދާޅުވެ، ދެ ޤައުމުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ދެ ޤައުމުގެ ވެސް ތަރައްޤީއާ ކުރިއެރުމަށާ ދެ ޤައުމުގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ކުރިއަށްއޮތް ތަނުގައިވެސް އިސްލާމީ ރިވެތި އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން، މާތް ﷲގެ ރަޙުމަތްފުޅާއެކު އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދަށް ރައީސް ޔާމީން ފޮނުއްވި މެސެޖުގައި، ސަޢޫދީ ޢަރަބިއްޔާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބުމަށާ ދުނިޔޭގެ ސުލްހަވެރިކަމާ ރައްކާތެރިކަމާ ހަމަޖެހުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތަށް ވެސް ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދުގެ ޒަޢާމަތުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް ޔާމީންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަސްގެފާނު ހިޒް މެޖަސްޓީ ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ ޒަޢާމަތުގައި، 1932 ވަނަ އަހަރުގައި އުފެދުނު ޒަމާނީ ރަސްކަން އުފެދިގެން އައި ދުވަހެވެ.