ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ދޭން ވައުދުވިތާ އަހަރެއްވާން ދާއިރު ވެސް، އެ ފައިސާ ނުލިބޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
ސައުދީން ރާއްޖެ އަށް 2.3 ބިލިއަން ރުފިޔާގެ އެހީ އެއް ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކުރީ، ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެގައުމަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ.
އެ އެހީއާ ގުޅޭ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު 6 ވަނަ ދުވަހު ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ 2.3 ބިލިއަން ރުފިޔާއަކީ ވަކި ދާއިރާއަކަށް ޚަރަދުކުރުމަށް ދޭ އެހީއެއް ނޫން ކަމަށާއި، އެ ފައިސާއަކީ ރާއްޖޭގެ ރިޒާވަށް ލިބޭ ފައިސާ ކަމަށެވެ. އަދި އެ ފައިސާ އިން ރާއްޖޭގެ އިގްތިސާދާއި މާލީ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް ވެސް ޝައިނީ ވިދާޅުވެފައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 6 ވަނަ ދުވަހު ޝައިނީ ވިދާޅުވީ އެ ފައިސާ ރާއްޖެއާ ހަވާލުކުރުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ފައިސާ ލިބިގެންދާނެ ކަމަށެވެ.
ޝައިނީ ވިދާޅުވި ގޮތުގައި ސައުދީން ދިނުމަށް ހަމަޖެހިފައިވާ އެހީއަކީ ވަކި ދާއިރާއަކަށް ހާއްސަކޮށްގެން ދިން އެހީއެއް ނޫނެވެ. ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނައިރު، މި އެހީގެ ސަބަބުން އެ މަޝްރޫއުތައް އަވަހަށް ނިންމުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ފައިސާ ލިބޭނެ ކަމަށް ޝައިނީ ވިދާޅުވިތާ އަހަރެއްވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، އެމްއެމްއޭ އިން ބުނީ ފައިސާ އަދި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި އެމްއެމްއޭގެ އިސް އޮފިޝަލަކު ވިދާޅުވީ މިހާރު އެ ފައިސާގެ ވާހަކަ ނުވެސް ދެކެވޭ ކަމަށެވެ. އަދި އެ ފައިސާއާ ގުޅޭ އެއްވެސް ކަމެއް އެމްއެމްއޭއާ ހިއްސާ ކޮށްފައިވެސް ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ދިވެހި ސަރުކާރުގެ އިސް ވަފުދަކާ އެކު ރައީސް ޔާމީން މިދިޔަ އަހަރު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލްސައުދާ ބައްދަލު ކުރެއްވި އެވެ.
ރަސްމީ ދަތުރުފުޅެއްގައި މިއަހަރުގެ މާޗް މަހު ސައުދީ ރަސްގެފާނާއި އެގައުމުގެ އިސްވެރިން ރާއްޖެ ވަޑައިގަންނަވަން ނިންމި އެވެ. އެ ދަތުރުފުޅާ ދިމާކޮށް ފ. އަތޮޅު ސައުދީ އަށް ވިއްކާލަން އުޅޭ ކަމުގެ އަޑުތައް ފެތުރުނުއިރު، ދަތުރުފުޅު ކެންސަލް ކުރެއްވުމަށް ގޮވާލާ ބޮޑު ކެމްޕޭނެއްވެސް ހިންގި އެވެ.
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު އެންމެ ފަހު ވަގުތު ކެންސަލް ކުރެއްވިއިރު، ދިވެހި ސަރުކާރުން ބުނީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރެއްވީ ރާއްޖޭގައި އެއިރު ފެތުރެމުންދިޔަ ރޯގާއާ ގުޅިގެން ކަމަށެވެ.
ފ. އަތޮޅު މަޝްރޫއާ ގުޅޭ ގޮތުން މިއަހަރުގެ ޖުލައި މަހު ރައީސް ޔާމީން ވިދާޅުވީ އެ މަޝްރޫއު ހިންގާ މީހުން ރާއްޖެ އަޔަސް ނަޔަސް ދެން އެކަމާއި ޒިންމާ ނަންގަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އެއީ 10 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.