މުޅި ސަރުކާރު އޮތީ އަޑި ނޭނގޭ ވައްކަމާ ފަސާދަ އާއި ކޮރަޕްޝަނުން ފުރިފަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ގެނެސްދިން ރާއްޖެ ޓީވީގެ "މި ރައީސް" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަންގެ ހަގީގަތްތައް ކޮންމެ އޮޑިޓް ރިޕޯޓަކުން ދަނީ ހާމަވަމުން ކަމަށެވެ.
" ބައްލަވާ ފެނަކައިގެ އޮޑިޓްރިޕޯޓް. އަޅުގަނޑުމެން ކިތައް ފަހަރުތޯ ރައްޔިތުންގެ މަޖިލީހުގައި ބުނީ ހެރެތެއަށް ހަ ރުފިޔާއަށް ތެޔޮ ލީޓަރެއް އެބަ އަޅާދެއޭ. އެކަމު ހޯރަފުއްޓަށާއި ދިއްދޫއަށާއި ނުވަތަ އެހެން ރަށަކަށް ނުވަ ރުފިޔާ ބާރަ ރުފިޔާ އަށޭ ތެޔޮ ލީޓަރެއް އަޅާދެނީ. އެ ވާހަކަ ނޫންތޯ މިއަދު އޮޑިޓް ރިޕޯޓްގައި ލިޔެފައި އެ ހުރީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން މި ސަރުކާރުން އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށާއި ކޮށްދޭ ކަމެއް ކުރަނީ ބޮޑެތި ލޯނުތައް ނަގައިގެން ކަމަށެވެ. އަދި މި ސަރުކާރު ނިމިގެންދާއިރު ދައުލަތުގެ ދަރަނި ދެ ގުނަ ވެގެންދާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ގަފޫރު ވިދާޅުވީ ރައްޔިތުންގެ ފައިސާއަށް އިހާނެތި ވެފައި އެކަކަށް ވެސް ސަލާމަތް ނުވެވޭނެ ކަމަށާއި އެމީހުންނާ ވެސް ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ. އަދި އެހެންމެ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އާންމުވެފައިވާއިރު ވެސް ބައެއް ދީނީ ބޭފުޅުން މި ސަރުކާރަށް ތާއިދުކުރާތީ އޭނާ ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ.
" ވައްކަމަކީ ދީނުގައި ހަރާންކޮށްފައި އޮންނަ ކަމެއް ނޫންތޯ. ފަސާދައާއި ކޮރަޕްޝަނަކީ އިސްލާމް ދީނުގައި ހަރާންކަމެއް ނޫންތޯ. އެ ބޭފުޅުންނަށް އެވަރު ނުވިސްނެނީތޯ އެ ފަދަ ވާހަކަ ދައްކަވާއިރު. ދެން ރައްޔިތުން އެ ބޭފުޅުންނާ ދިމާލަށް އެއްޗެއް ބުނީމަ އެ ބުނާ މީހަކު މި ގޯސްވަނީ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓް ޔަގީން ކަމަށް ސަރުކާރުން ބުނާއިރު ގިނަ ރަށްތަކުގައި އެކި ވަގުތު ތަކުގައި ކަރަންޓް ނުހުންނަ ކަމަށް ވެސް ވިދާޅުވި އެވެ.
" އެއީ ދިވެހި ރާއްޖޭގައި ޔަގީންވާ ވާހަކަތޯ ނުވަތަ ނޫނީ ޗައިނާގާއި ޔަގީންވާ ވާހަކަތޯ، ނޫނީ އެހެން ގައުމެއްގައި ޔަގީންވާ ވާހަކަތޯ އެ ދައްކަނީ. ރައްޔިތުންގެ ކުރިމަތީ ދޮގާއި މަކަރާ ހީލަތް ހެދުމުގައި މި ތިބީ ހައްދުފަހަނަ އަޅާފައި. މާދަމާވެސް އަރާފައި ބުނާނެ 24 ގަޑިއިރު ކަރަންޓް ޔަގީނޭ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ސަރުކާރުން އެއްވެސް ޝަރުތެއް ނުކުރާ ކަމަށް ބުނާއިރު ޝަރުތަކާނުލާ ޕާޓީ މަޝްވަރާތަކުގައި ބައިވެރިވުމަށް ޕާޓީތަކަށް އެންގުމަށް ވުރެ ބޮޑު ޝަރުތެއް އޮންނާނެތޯ ގަފޫރު ވަނީ ސުވާލު އުފައްދަވާފަ އެވެ.
"އިންސާފާ ހަމައާ ގަބޫލުނުކުރާ ބަޔަކާ އެކީ ކުރަން ޖެހޭނެ މަޝްވަރާއެއް ނޯންނާނެ. އަޅުގަނޑުމެން މި ސަރުކާރާއެކު މަޝްވަރާއެއް ނުކުރާނަން. އަޅުގަނޑުމެން މަޝްވަރާގެ މޭޒު ދޮށަކަށް ނުދާނަން. އިހްލާސްތެރިކަން ނެތް ބަޔަކާ އެކު ނުޖެހޭ ދާކަށް. ވަރަށް ސާފުކޮށް އޮތް ކަމެއް މީ،" އޭނާ ވިދާޅުވި އެވެ.