ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންގެ މުސާރަ ބޮޑުކުރި ނަމަވެސް ސްކޫލްތަކުގެ އެންމެ އިސް ވެރިންގެ ގޮތުގައި ހިންގަވަން ތިއްބެވި ޕްރިންސިޕަލުންނާއި، ޑެޕިއުޓީންގެ މުސާރައަށް ކުރިއެރުމެއް ނައިސް ތިން އަހަރު ފާއިތުވެ ގޮސްފައި ވުމުން ބައެއް ޕްރިންސިޕަލުން ކަންބޮޑުވުން ފާޅުކުރަންފަށައިފިއެވެ.
ރާއްޖެއެމްވީއާއި ވާހަކަދެއްކެވި ބައެއް ޕްރިންސިޕަލުންނާއި، ޑެޕިއުޓީން ވިދާޅުވީ 2015 ވަނަ އަހަރު ޓީޗަރުންގެ މުސާރައަށް އައި ބަދަލާއިއެކު، އެބޭފުޅުންގެ މުސާރައަށް ވެސް ވަރަށް އަވަހަށް ހެއު ބަދަލު އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
ރާއްޖެއެމްވީ އާއި ވާހަކަ ދެއްކެވި އެއް ޕްރިންސިޕަލަކު ވިދާޅުވީ، އޭގެފަހުން ތިން އަހަރު ފާއިތުވެ ދިޔައިރު ވެސް މުސާރައަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އެބޭފުޅުންނަކީ ސްކޫލުތައް ހިންގުމުގައި ނުހަނު ބުރަކޮށް މަސައްކަތްކުރައްވާ ފަރާތްތަކަށް ވާއިރު، ސްކޫލްގައި މަސައްކަތްކުރައްވާ ޓީޗަރުންނަށްވުރެ ވެސް ބައެއް ޕްރިންސިޕަލުންގެ މުސާރަ ކުޑަކަމަށް އޭނާ ވިދާޅުވިއެވެ..
ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި ބައެއް ޕްރިންސިޕަލުން ވިދާޅުވިގޮތުގައި 2015 ވަނަ އަހަރުއްސުރެ އެޑިއުކޭޝަނުން ބުނަމުން އައީ، ޕްރިންސިޕަލުންގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް އެޕްރޫވް ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އޭގެފަހުން 2016 އަދި 2017 ވަނަ އަހަރުގެ މިހިސާބަށް އައި އިރުވެސް އެކަށީގެންވާ ކުރިއެރުމެއް ފެނިފައިނުވުމުން ކަންބޮޑުވާ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކާއި ހަވާލާ ދެއްވާ ބައެއް ޕްރިންސިޕަލުން ވިދާޅުވީ، ޕްރިންސިޕަލުންނާއި ޑެޕއުޓީންގެ އޮނިގަނޑެއް ރައީސް އޮފީހަށް ފޮނުވާފައިވާކަން އެނގިފައިވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދާލުމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ އާއި ގުޅުމުން ވިދާޅުވީ، ތައުލީމީ ވުޒާރައިގެ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދޭނީ އެ ވުޒާރާއިން ކަމަށެވެ. އިތުރުކޮމެންޓެއް ދެއްވާފައެއްނުވެއެވެ.
މި މައްސަލައާއި ގުޅޭގޮތުން ބައެއް ޕްރިންސިޕަލުންވަނީ، މިއަހަރުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓަރާއިވެސް ބައްދަލުކުރައްވާ، މުސާރައަށް އަންނާނެ ކަމަށް ވިދާޅުވި ހެއު ބަދަލު އަންނާނީ ކޮން އިރަކުތޯ ސުވާލު ކުރައްވާފައެވެ. އެހެން ނަމަވެސް އެކަށީގެންވާ އެދެވޭ ޖަވާބެއް މިނިސްޓަރު ވެސް ދެއްވާފައި ނުވާކަމަށް ބައްދަލުކުރެއްވި ބައެއް ޕްރިންސިޕަލުން ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކާއި ހަވާލާދެއްވައި ބައެއް ޕްރިންސިޕަލުން ވިދާޅުވީ، އެބޭފުޅުންނަށް މުސާރައަށް ހެއުބަދަލެއް މިހާތަނަށް އައިސްފައި ނުވަނީ އެޑިއުކޭޝަން ސިސްޓަމުގެ ތެރޭގައި ތިބެންވާއަދަދަށް ވުރެ ގިނައިން މުވައްޒަފުން ތިބުމުން ކަމަށެވެ. އެގޮތުން އެކްސެސްވާވަރަށް ބޭރު ޓީޗަރުން އެބަތިބިކަމަށް އޭނާ ވިދާޅުވިކަމަށާއި، އަދި އެޑިއުކޭޝަން މިނިސްޓްރީގައި ޕްރިންސިޕަލުންނާއި އެއް މިންގަނޑެއްގެ ދަށުން ތިއްބަވާ ބޭފުޅުންނަށް ވެސް މުސާރަ ޕްރިންސިޕަލުންނާއި އެއްވަރަށް ލިބޭ ކަމަށެވެ. އަދި ޕްރިންސިޕަލުންނާއި ޚިލާފަށް އަންލިމިޓެޑް އޯވަޓައިމް އެބޭފުޅުންނަށް ލިބިލައްވާ ކަމަށެވެ. އެހެންނަމަވެސް ޕްރިންސިޕަލުންނަށް އޯވަޓައިމް ވެސް އޮންނަނީ ހަނިގޮތަކަށް ލިމިޓް ކޮށްފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކާއި ހަވާލާދެއްވާ ޕްރިންސިޕަލަކު ވިދާޅުވިއެވެ.
މިފަދަ ސަބަބުތައް މިހެންހުރެމެ، މަތީތައުލީމުގެ ފުރުސަތުތަކަށާއި ފެންވަރު މަތިކުރުމުގެ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އެތަކެއް ހުރަސްތަކެއް ކުރިމަތިވެފއިވާކަމަށް ބައެއް ޕްރިންސިޕަލުން ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެން މި ލިބޭ މުސާރައިން އިތުރު ތަމްރީން ހޯދަން ކިޔެވޭކަށް ނެތް، ކިޔަވަން މި ޖެހެނީ އަމިއްލަ ޚަރަދުގައި. މިހާރު މި ލިބޭ މުސާރައިން އެކަން ކުރެވޭނެ އެއްވެސް ގޮތެއް ނެތް" ރާއްޖެއެމްވީއާއި ވާހަކަ ދެއްކެވި އުތުރު އަތޮޅެއްގެ ޕްރިންސިޕަލަކު ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅޭގޮތުން ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަދި އެކްޓިން ޕީއެސް މުހައްމަދު ސައީދު ވިދާޅުވީ، 2015 ވަނަ އަހަރު އަމަލު ކުރަން ފެށި އާ މަންހަޖާއިއެކު، ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ފަށާފައިވާ މަސައްކަތުގައި، ވަރަށް ގިނަ ތައުލީމީ އޮނިގަނޑުތައް މުރާޖައާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އޮނިގަނޑުތައް މުރާޖައާ ކުރުމުގެ މަސައްކަތްތައް ކުރަމުން ދަނީ. މުރާޖައާ ކުރުމުން ވަރަށް ގިނަ ކަންކަމަށް ބަދަލު އަންނާނެ" ސައީދު ވިދާޅުވިއެވެ.
ޕްރިންސިޕަލުންގެ މުސާރައިގެ އޮނިގަނޑު ރައީސް އޮފީހުގައި ހިފެހެއްޓިފައިވޭތޯ ސުވާލު ކުރުމުން ސައީދު ވިދާޅުވީ، ރައީސް އޮފީހުގައި ވެސް އަދި އެއްވެސް ހިސާބެއްގައި ތައުލީމީ އެއްވެސް އޮނިގަނޑެއް ހިފެހެއްޓިފައި ނުވާނޭ ކަމަށެވެ.
ޕްރިންސިޕަލުންގެ ފެންވަރު މަތިކުރުމަށް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން އޭނާ ވިދާޅުވީ، އަމިއްލަ ޚަރަދުގައި ކިޔެވި ނަމަވެސް އެ ކިޔަވައިގެން ސަނަދެއް ލިބިއްޖެނަމަ އެއަށް އިނާޔަތެއް ދޭ ކަމަށެވެ. އަދި މަތީރޭންކަކަށް ކުރިއެރުން ލިބޭނެ ފުރުސަތުވެސް އެޑިއުކޭޝަން ނިޒާމްގެ ތެރެއިން ހަމަޖެހިފައިވާ ކަމަށެވެ.
ސައީދު ވިދާޅުވިގޮތުގައި ތައުލީމީ ދާއިރާގެ އެތައް އޮނިގަނޑެއް ދަނީ މުރާޖައާ ކުރަމުންނެވެ. އަދި އެ އޮނިގަނޑުތައް މުރާޖައާކޮށް ނިމުމުން ތައުލީމީދާއިރާއަށް ވަރަށް ހެއު ބަދަލުތަކަކާއި، ކުރިއެރުން ތަކެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.