މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ. ކަރަންޓް ދިޔައީ ހުކުރު ދުވަހު ހަވީރު ފަހެއް ޖަހާކަންހާއިރު އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަލީ މުޖުތަބާ ވިދާޅުވި ގޮތުގައި ކަރަންޓް ދިޔައީ ޕަވަ ޖަނަރޭޝަން އޭރިއާގެ މައްސަލައަކުންނެވެ.
"ކަރަންޓް ނެޓްވޯކްގެ މައްސަލައެއް ނެތް. ކަރަންޓް ޖަނަރޭޝަން އޭރިއާގެ މައްސަލައެއް ކަމަށް ބެލެވެނީ. ނަމަވެސް އަސްލު ސަބަބެއް އަދި ބުނެވޭ ވަރެއް ނުވޭ،" މުޖުތަބާ ވިދާޅުވި އެވެ.
މާލޭގެ ތިން ބައިކުޅަ ދެބައަށް ވުރެ ބޮޑު ސަރަހައްދަކުން ކަރަންޓް ދިޔައިރު، ބައެއް ސަރަހައްދު ތަކަށް ވަރަށް އަވަހަށް ކަރަންޓް ދިނެވެ. ނަމަވެސް މައްސަލަ ހައްލުކޮށް މުޅި މާލެ އަށް ކަރަންޓް އަލުން ދޫކޮށް ނިމުނީ 7:10 ހާއިރު އެވެ.
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ދިއުމާ ގުޅިގެން ގެތަކުން ގިނަ ބަޔަކު މަގުމައްޗަށް ފައިބަން ޖެހުނެވެ. އަދި ވިޔަފާރިތަކާއި އޭޓީއެމްތަކުގެ ހިދުމަތާއި އެހެން ބައެއް ހިދުމަތްތަކަށް ވެސް ބުރޫ އެރި އެވެ.