ދުބާއީ ކެއާޒްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޠާރިޤު އަލް ގުރްޖް އާއި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، ޒެނީޝާ ޝަހީދު ޒަކީ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މިހާރު ކުރިއަށްދާ އދ. ގެ 72 ވަނަ އާންމު ޖަލްސާގެ ހައިލެވެލް ސެގްމަންޓްގެ ޚަވާސާގައި، ނިއު ޔޯކުގައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޒެނީޝާ އާއި ޠާރިޤު ވަނީ އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން ޚާއްސަކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުޑަކުދިންނަށް ތަޢުލީމުގެ އެކި ފުރުޞަތުތައް ފަހިކޮށްދީ، އެކުދިންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
ދުބާއީ ކެއާޒްއަކީ މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ގްލޯބަލް އިނީޝިއޭޓިވްސްގެ ދަށުން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ކުޑަކުދިންނަށް ތަޢުލީމީ ފުރުޞަތުތައް ހޯދައިދޭން މަސައްކަތްކުރާ ޖަމާއަތެކެވެ.