ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ކައުންސިލް އޮފް މިނިސްޓަރސްގެ ނުރަސްމީ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ މިހާރު ކުރިއަށްދާ އދ. ގެ 72 ވަނަ އާންމު ޖަލްސާގެ ހަވާސާގައި، ނިއު ޔޯކުގައެވެ.
ސާކުގެ މިހާރުގެ ޗެއާގެ ހައިސިއްޔަތުން، މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ، ނޭޕާލްގެ ބޮޑުވަޒީރުގެ ނައިބު އަދި އެ ޤައުމުގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާ ކްރިޝްނާ ބަހާދުރް މަހާރާއެވެ. ބައްދަލުވުމުގައި ރާއްޖެ ތަމްޞީލުކުރެއްވީ ދިވެހި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމެވެ. ބައްދަލުވުމުގައި އެހެން ޤައުމުތަކުން ވެސް ބައިވެރިވެވަޑައިގެންނެވީ އެ ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނެވެ.
މި ބައްދަލުވުމުގައި ސާކުގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ޙުސައިން ސިއާލް ވަނީ އެ ކައުންސިލުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގެ ފަހުން ސާކުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތާއި، މިންވަރު މިނިސްޓަރުންނާއި ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، މިވަގުތު ދެކުނު އޭޝިއާ ސަރަޙައްދަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކާއި ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވެއެވެ.
ސާކްގެ ކައުންސިލް އޮފް މިނިސްޓަރސް ދަނީ 1997 ވަނަ އަހަރުން ފެށިގެން އދ. ގެ އާންމު ޖަލްސާގެ ހަވާސާގައި ނުރަސްމީކޮށް ބައްދަލުކޮށް، ސަރަޙައްދުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.