ވެލައްސަރު ރިސޯޓް ކައިރިން ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ ދޯންނެއް ބަންޑުން ޖަހާލުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް އިން ވަނީ ހަރަކާތްތެރި ވެފައެވެ.
އެމްއެންޑީއެފުން ބުނީ ދޯނި ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު ލިބުނީ 11:06 އިރު ކަމަށެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއި ގުޅިގެން ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗެއްގައި ވަނީ ހާދިސާ ހިނގި ސަރަޙައްދަށް ގޮސްފައެވެ. މި ހާދިސާ ހިނގާފައިވަނީ ވެލައްސަރު ރިސޯޓާއި އެނބޫދޫ ރިސޯޓާ ދެމެދުގައި އެ ދޯނި އޮއްވައެވެ. މި ހާދިސާ ހިނގިއިރު، އެ ދޯނީގައި 3 މީހުން ތިއްބެވެ. އޭގެ ތެރޭގައި ދިވެއްސަކާއި ދެ ބިދޭސީން ހިމެނެއެވެ. މި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދޯނި ދަތުރުކުރަމުން ދިޔައީ ބޮޑު ފެންބޭގެއް ހިފައިގެންނެވެ. އަދި، އެ ދޯނި ބަންޑުން ޖަހާލަން މެދުވެރިވީ، އެ ފެންބޭގު ދެ ފަރާތަށް ހެލި، ދޯނި އަރިއަޅާލުމުގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ދޯނި މިހާރު ވަނީ، ދޯނީގެ ވެރި ފަރާތުން އެ ސަރަޙައްދަށް ފޮނުވި އުޅަނދެއްގެ އެހީގައި، އެނބޫދޫ ވިލެޖުގެ ހިއްކި ސަރަޙައްދަށް ވައްދާފައެވެ.