އެންވަޔަރަމަންޓް މިނިސްޓްރީގެ ހަރަދުމުދަލާއި ހަރުމަދަލުގެ ހިސާބުތައް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވާ ކަމަށް އެ މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އޮޑިޓާޖެނަރަލް ހަސަން ޒިޔަތު ސޮއިކުރައްވާ ނެރެފައިވާ އެންވަޔަރަމެންޓް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގާ ބައެއް އިދާރާތަކުގެ ހުރުމަދުލުގެ ރަޖިސްޓްރީ ދައުލަތުގެ މާލީއްޔަތު ގަވާއިދާ އެއްގޮތަށް އަޕްޑޭޓްކޮށް ބަލަހައްޓާފައެއް ނުވެއެވެ.
އެގޮތުން ބައެއް ހަރުމުދާ ހޯދި ތާރީހާއި މުދާ ހޯދިތަނާއި އަގު ފަދަ މައުލޫމާތުތައް ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. ހަމައެހެންމެ ތަނުގައި ހުންނަން ޖެހޭ ހުރިހާ ތަކެތި ހަމައަށް ހުރިތޯ އަހަރަކު އެއް ފަހަރު ބަލަން ޖެހޭނެ ކަމަށް މާލީއްޔަތު ގަވާއިދުގައި ބުނެފައި ވީނަމަވެސް އެކަން އެގޮތަށް ކޮށްފައި ނުވާކަން އޮޑިޓާ ޖެނަރަލްގެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.
އެހެން ކަމުން އަހަރު ނިމުނުއިރު ހުރި ހަރުމުދަލުގެ އަގު ކަމަށް މިލްކީއްޔާތުގެ ބަޔާނުގައި ހިމަނާފައިވާ 13،124،021 (ތޭރަ މިލިއަން އެއްލައްކަ ސައުވީސް ހާސް އެކާވީސް) ރުފިޔާގެ ތަފްސީލް ހަރަދުގެ ރަޖިސްޓްރީން ވެރިފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން އަހަރު ނިމުނުއިރު ބިނާކޮށް ނުނިމިހުރި ހަރަދުގެ ގޮތުގައި މިލްކީއްޔާތުގެ ބަޔާނުގައި ހިމަނާފައިވާ 1،194،530،429 (އެއްހާސް އެއްސަތޭކަ ނުވަދިހަ ހަތަރު މިލިއަން ފަސް ލައްކަ ތިރީސް ހާސް ހަތަރު ސަތޭކަ ނަވާވީސް) ރުފިޔާ އަކީ 2015 އަދި 2016 ވަނަ އަހަރުގެ ޕަބްލިކް ސާވިސް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގުރާމްތަކަށް ހިނގި ހަރަދެވެ. އަދި 2015 ވަނަ އަހަރުގެ ކުރީގެ ބިނާކޮށް ނުނިމި ހުރި ހަރުމުދަލުގެ ބާކީ އާއި 2015 އަދި 2016 ވަނަ އަހަރު ބިނާކޮށް ނިންމައި ހަރުމުދަލަށް ޓާރާންސްފާ ކުރެވުނު އަގު އަދި ދައުލަތުގެ އެހެން އިދާރާތަކުގެ ބެލުމުގެ ދަށަށް ޓްރާންސްފާ ކުރެވުނު ހަރުމަދަލުގެ އަގު އެނގެން ނެތްކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން އެ އިދާރާގެ ހަރުމުދަލުގެ ހިސާބްތައް ދައުލަތުގެ މާލީއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވި ނަމަވެސް އެ މިނިސްޓްރީގެ 2016 ވަނަ އަހަރުގެ ބަޖެޓުން ހަރަދުކޮށްފައި ވަނީ އެ މިނިސްޓްރީ އަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ މަގުސަދުތައް ހާސިލް ކުރުމަށް ކަމަށް އޮޑިޓް ރިޕޯޓިގައި ވަނީ ބުނެފައެވެ.