އދގެ މެމްބަރަކަށް ރާއްޖެ ވިތާ 52 އަހަރު ފުރުނު އިރު ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ފާހަގަކޮށްފިއެވެ.
އދގެ މެމްބަރަކަށް ރާއްޖެ ވެގެންގޮސްފައި ވަނީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
މި މުނާސަބަތާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓާރ ޑރ. މުހައްމަދު އާސިމް އެ މިނިސްޓްރީގެ ވެބްސައިޓުގައި ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖެއަކީ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އދ. ގެ މެމްބަރަކަށްވި އެންމެ ފުރަތަމަ އެއް ގައުމު ކަމަށާއި މިކަމާ ގުޅިގެން އދ.ގެ އެޖެންޑާގައި ކަނޑައަޅާފައިވާ ކަންކަން ރާއްޖެއަށް ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ދެކުނު ކަމުގައިވިޔަސް ވޭތުވެދިޔަ 52 އަހަރުގެ ތެރޭގައި ރާއްޖެއިން އދ. ގެ އެޖެންޑާގައި ހިމެނިފައިވާ އެތައް ކަމެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.
ހަމައެހެންމެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި މި ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް އދ. ގެ ސަމާލުކަމަށް ގެނައުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ރާއްޖެއިން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އެގޮތުން މިފަދަ ގައުމުތަކަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދައި އދ. ގައި އެ ގައުމުތަކުގެ އަޑު އިއްވައިދިނުމަށްޓަކައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯސިސް) އުފެއްދުމުގައި ރާއްޖެއިން އިސް ދައުރެއް އަދާކޮށްފައިވާނެ ކަމަށް މި ބަޔާނުގައި ވެއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން މި ޖަމިއްޔާގެ ޗެއާމަން ކުރަމުން އަންނަނީ ރާއްޖެއިންނެވެ.
މި ބަޔާނުގައިވާ ގޮތުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެއިން ދެ ދައުރު ފުރިހަމަކުރުމުން ދައްކުވައިދެނީ އިންސާނީ ހައްގުތަށް ދެމެހެއްޓުމަށް ރާއްޖެއިން މަސައްކަތްކުރާ މިންވަރެވެ.
ހަމައެހެންމެ އދ. ގެ މެމްބަރެއްގެ ގޮތުގައި ރާއްޖެއިން ދުނިޔޭގެ ސުލްހަޔާއި އަމަންއަމާންކަން ދެމެހެއްޓުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ވެއެވެ. އެގޮތުން އދ. ގެ ތާރީހުގައި ފުރަތަމަ ފަހަރަށް 2019 ވަނަ އަހަރު އެ ޖަމިއްޔާގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަކަށް ކުރިމަތިލުމަށް ރާއްޖެއިން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އދ. ގެ މެމްބަރެއްގެ ގޮތުގައި ރާއްޖެއިން 52 އަހަރު ކަޑައްތުކޮށްފައިވާއިރު އެ ޖަމިއްޔާ އެކުލެވިގެންވަނީ ރާއްޖޭގެ އިތުރުން 192 ގައުމުގެ މައްޗަށެވެ.