ޖަލަށް ލާފައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވަގުތީ ގޮތުން އަނެއްކާ ވެސް ގޭބަންދަށް ބަދަލުކޮށްފި އެވެ.
ކަރެކްޝަންސް ސާވީސް ބުނީ އިމްރާން ގޭބަންދަށް ބަދަލުކުރީ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް ގޭ ބަންދަށް ބަދަލު ކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.
ބާރަ އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިމްރާން ގޭ ބަންދަށް ބަދަލު ކުރީ ކިހާ މުއްދަތަކަމެއް ވެސް ނުބުނެ އެވެ.
ޝައިޚް އިމްރާން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރިއިރު، ވަނީ ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފަ އެވެ. އިމްރާންގެ އަނބިކަނބަލުން ވިހެއީ ބުރާސްފަތި ދުވަހުގެ ރޭ އައިޖީއެމްއެޗްގަ އެވެ.
އިމްރާން އެންމެ ފަހުން ގޭބަންދަށް ބަދަލުކުރީ މިދިޔަ ރޯދަ މަހަށެވެ. އަދި ރޯދަ މަސް ނިމުމާއެކު އަނބުރާ ޖަލަށް ވަނީ ގެންގޮސްފަ އެވެ. އަދި އަނބުރާ ޖަލަށް ބަދަލު ކުރެއްވުމަށް ކްރެކްޝަނުން ބަލާ އައުމުން ގެއިން ނިކުމެވަޑައިގަންނަވަމުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއާއި ގުޅިގެން އިމްރާނާމެދު ހަރުކަށި ގޮތަކަށް ކަރެކްޝަނަލް ސާވިސްއިން އިން ގެންދިޔައީ އަމަލުކުރަމުންނެވެ.
އެގޮތުން މާފުށީގެ ކުޑަ ކޮޅިއަކަށް ބަދަލު ކުރައްވާ އަދަބު އެތައް ގުނަ އަކަށް ބޮޑު ކޮށްފައިވާ ކަމަށާއި އިމްރާނާމެދު އަމަލު ކުރަމުންދަނީ އިންސާނިއްޔަތާ ހިލާފަށް ކަމަށް އޭނާގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. ވަކީލުންގެ ބައްދަލުވުމަށް ނެރުއްވާ އިރު ވެސް ހުންނަވަނީ ބިޑި އަޅުވައިފަ ކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ.
އިމްރާން ޖަލަށްލާފައި ވަނީ އެމްޑީޕީއާއި އަދާލަތު ޕާޓީ އިސްކޮށް އޮވެ 2015 ވަނަ އަހަރު މާލޭގައި ބޭއްވި "މޭޑޭ މުޒާހަރާ"ގައި އިމްރާން ދެއްކެވި ވާހަކަތަކުގެ މައްޗަށް ކުރި ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ.