ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފި އެވެ.
އަދާލަތު ޕާޓީގެ އިސް އޮފިޝަލަކު ރާއްޖެ އެމްވީއަށް ވިދާޅުވި ގޮތުގައި އިމްރާންގެ އަނބިކަނބަލުން އައިޝަތު ރީމް ވިހާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ އައިޖީއެމްއެޗްގަ އެވެ. އެ ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިއީ އިމްރާނަށް ލިބިވަޑައިގެންނެވި ފުރަތަމަ ފިރިހެން ބޭފުޅެވެ. މީގެ ކުރިން އިމްރާނަށް ލިބިވަޑައިގެންފައިވަނީ ހަތަރު އަންހެން ބޭފުޅުންނެވެ.
އިމްރާން އަނބިކަނބަލުން ވިހެއުމާއެކު ޝައިޚް އިމްރާންވެސް ވަނީ އައިޖީއެމްއެޗްއަށް ގެންނަވާފަ އެވެ.
ޝެއިހް އިމްރާނަށް ބޭފުޅަކު ލިބިވަޑައިގެންނެވިއިރު ހުންނެވީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށް މާފުށީ ޖަލުގަ އެވެ. އޭނާ ޖަލަށްލީ ސަރުކަރާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ.