ސައޫދީ ސަރުކާރުން ގއ ވިލިނގިލީގައި އަލަށް އިމާރާތް ކުރި މަސްޖިދުލް އިޚްލާޞްގައި ނަމާދު ކުރަން ފެށުމަށް ފުލުހުން ހުރަސްއަޅާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު ވިދާޅުވީ އެމިސްކިތުގައި ވަގުތީ ގޮތުން ނަމާދުކުރަން ފެށުމަށް ހަމަޖެއްސީ ހިޖުރީ އާއަހަރު ފެށުމުގެ ގޮތުން ހިންގާ ހަރަކާތްތކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ފަތިސް ނަމާދު ކަމަށެވެ. އެކަން ރާވާފައިވަނީ އިސްލާމިކް މިނިސްޓްރީން އެމިސްކިތުގައި ނަމާދު ކުރުމަށް ދީފައިވާ ހުއްދައިގެ ދަށުން އެމިނިސްޓްރީގެ މަޝްވަރާގެ މަތިން މުސްތަފާ ވިދާޅުވި އެވެ.
އާ މިސްކިތް ރަސްމީކޮށް ނުހުޅުވި ނަމަވެސް ބޭނުންކުރަން ފެށުމަށް ރާވާފައި ވަނިކޮށް، އަތޮޅު ފުލުހުންގެ ކޮމާންޑަރ ގުޅުއްވި ކަމަށާއި މިސްކިތް ބޭނުންކުރަން ފަށަނީ ހުއްދަ ލިބިގެންތޯ ސުވާލު ކުރައްވާފައިވާ ކަމަށެވެ. ހުއްދަ އޮތްކަމަށާއި ވަޑައިގަތުމުން ހުއްދަ ދައްކަވާނެ ކަމަށް ދެންނެވިން ކަމަށް މުސްތަފާ ވިދާޅުވިއެވެ. ވިލިނގިލީ ކައުންސިލުން ޤާނޫނާ ޤަވާއިދުތަކުގެ ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށްވެސް ދަންނަވާފައިވާނޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
އެވަރަށް ސާފުކޮށްދީފައި ވަނިކޮށް ފަތިސް ނަމާދަށް އެމިސްކިތަށް ދިޔަ މީހުންނަށް މިސްކިތަށް ވަނުމަށާއި ބަންގި ގޮވުމަށް ފުލުހުން ހުރަސްއެޅިކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ މިސްކިތަށް އޭނާ ދިޔައިރު ގިނަ މީހުން އެނބުރި އެހެން މިސްކިތްތަކަށް ހިނގައްޖެ ކަމަށާއި ފުލުހުންނަށް ހުއްދަ ދެއްކުމުންވެސް ބަންގި ގޮވުމުގެ ހުއްދަ ނުލިބި މަޑުކުރަން ޖެހުނު ކަމަށެވެ. ހުއްދަ ލިބުމުން ބަންގި ގޮވުނުއިރު ނަމާދު ވަގުތަށްވުރެ ދެމިނިޓް ލަސްވެއްޖެ ކަމަށާއި އޭރު އެމިސްކިތަށް ދިޔަ މީހުންގެ 70 ޕަސެންޓެއްހާ މީހުން އެނބުރި ހިނގައްޖެކަމަށް މުސްތަފާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.