މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ބެލުމުގެ ދަށުގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި، އަމާންހިޔާ އާއި، ފިޔަ ވަތީގައި ދިރިއުޅޭ ކުދިންގެ ޢާއިލާގެ މީހުން، އެ ކުދިންނާއި ބައްދަލު ކުރުމާއި ފޯންކޯލް ކުރުމުގައި ޢަމަލުކުރަންޖެހޭނެ ގޮތް ބަޔާން ކުރާ އުސޫލް ޖެންޑާ މިނިސްޓްރީ އާންމު ކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީން އާންމު ކޮށްފައިވާ އުސޫލްގައި ބުނެފައިވާ ގޮތުގައި މި އުސޫލްގެ މަގުސަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ އެ ކުދިންގެ އާއިލާގެ މީހުންނާ ބައްދަލު ކުރުމާއި ފޯންކޯލް ކުރުމަށް ވަކިހަމަތަކެއް ގާއިމް ކޮށް އެ ކަންކަމަކީ ވަކި އުސޫލްތަކެއްގެ ދަށުން ހިނގަމުންދާނެ ކަމެއް ކަމުގައި ކަނޑައަޅައި ހިންގުމެވެ.
އުސޫލްގައި ބުނެފައިވާ ގޮތުގައި ކުޑަކުދިންގެ ހިޔާއާއި، އަމާންހިޔާއާއި، ފިޔަ ވަތީގައި ދިރިއުޅޭ ކުދިންގެ ޢާއިލާގެ މީހުން، އެ ކުދިންނާއި ފޯނުކޯލު ކޮށްގެން ވާހަކަ ދައްކަން ބޭނުންވާނަމަ ނުވަތަ ބައްދަލު ކުރަން ބޭނުންވާނަމަ އެކަމަށްޓަކައި ހާއްސަކޮށްފައިވާ ފޯމެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ފޯމް ފުރިހަމަ ކުރުމަށް ފަހު މިނިސްޓްރީ އަށް ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި ކުދިންނާ ބައްދަލުވާނެކަން ނުވަތަ ނޫން ކަން އަންގަން ޖެހޭނެއެވެ.
ޖެންޑާ މިނިސްޓްރީން އާންމު ކޮށްފައިވާ އުސޫލްގައި ބުނެފައިވާ ގޮތުގައި އާއިލާގެ މެމްބަރުންނަށް ކުދިންނާ ބައްދަލު ކުރެވޭނީ ކުޑަކުދިންގެ ހިޔާގައި ތިބޭ މުވައްޒަފުންގެ ހާޒިރުގައެވެ. އަދި ކުދިންނާ ބައްދަލު ކުރެވޭނީ ކޮންމެ ހަފްތާއެއްގެ ހޮނހިރު ދުވަހު އެ ކުޑަކުދިން ތިބޭ މަރުކަޒުން ކަނޑައަޅާ ވަގުތުތަކެއްގައެވެ. އަދި ފޯނުކޯލުން ވާހަކަ ދެއްކޭނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހުއެވެ.
އުސޫލްގައި ބުނެފައިވާ ގޮތުގައި ކުދިންނާ ބައްދަލު ކުރުމަށް ލިބޭނީ ގިނަވެގެން 45 މިނިޓެވެ. އަދި ބައްދަލު ކުރެވޭނީ ގިނަ ވެގެން ތިން މީހުންނަށެވެ. ހަމައެހެންމެ ކޮންމެ ހަފްތާއަކު ކޮންމެ އާއިލާ އަކަށް ވެސް ލިބޭނީ އެއްބައްދަލުވުމުގެ ފުރުސަތާއި އެއް ފޯނުކޯލްގެ ފުރުސަތު ކަމަށް ޖެންޑާ މިނިސްޓްރީން އާންމު ކޮށްފައިވާ އުސޫލްގައި ވަނީ ބުނެފައެވެ.
ހަމައެހެންމެ ކުއްޖާގެ ހާލަތަށާއި އާއިލާގެ ހާލަތަށް ބެލުމަށް ފަހު އެއް ފަހަރަށް ވުރެ ގިނަފަހަރަށް ފޯނު ކޯލްކޮށް އަދި ބައްދަލު ކުރުމުގެ ފުރުސަތު ދިނުމުގެ އިހްތިޔާރު ޖެންޑާ މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އުސޫލްގައި ވަނީ ބުނެފައެވެ.