ދައުލަތް ހިންގުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުދަ ދުވަހު ސަރުކާރުގެ އޮފީސްތަކަށް ފޮނުވާފައިވާ ސާރކިއުލާރއެއްގައި ބުނެފައިވަނީ ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާތީ ހަތަރު ފިޔަވަޅެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަޅާފައިވާ ފިޔަވަޅު ތަކަކީ:
1- އަމަލީ މަސައްކަތް ފަށާފައިވާ މަރާމާތުތަކުގެ މަސައްކަތްތަކާއި މަރާމާތު ކުރުމަށް ރައީސް އޮފީހުން ނުވަތަ ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ މަރާމާތުތައް ފިޔަވައި އިތުރު އެއްވެސް މަރާމާތެއް ނުކުރުން.
2- ދެމުން ގެންދާ ޚިދުމަތްތައް މެދުކެނޑިޔަ ނުދިނުމަށްޓަކައި، ރައީސް އޮފީހުން ނުވަތަ ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ކެޕިޓަލް ޚަރަދެއް ފިޔަވައި އެހެން އެއްވެސް ކެޕިޓަލް ޚަރަދެއް ނުކުރުން.
3- އޮފީސްތަކުގައި އިތުރު ގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް، ކަންކަން ރާވައި ޑިއުޓީގެ އުސޫލުން މަސައްކަތް ކުރާ އޮފީސްތައް ފިޔަވައި، އެހެން އޮފީސްތައް މެންދުރު ފަހު އެންމެ ލަސްވެގެން 2:30 ގައި ބަންދުކުރުން.
4- ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ފިޔަވައި ބަޖެޓުން ޚަރަދު ކޮށްގެން އެއްވެސް މުނާސަބަތެއް ފާހަގަ ނުކުރުން.
ބުދަ ދުވަހުން ފެށިގެން އެގޮތަށް އަމަލު ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގާފަ އެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ކޮންމެ އަހަރުއްގެ ވެސް ފަހު ކޮޅު މިފަދަ ސާރކިއުލާރއެއް ފިނޭންސް މިނިސްޓްރީން ނެރެއެވެ.
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ކަނޑައަޅަަފައިވަނީ 14 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 61 ޕަސެންޓް ޚަރަދު ކުރުމަށް ނިންމާފައި ވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށެވެ.
ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދައުލަތުގެ ރިކަރަންޓް ޚަރަދު 300 ޕަސެންޓް ބޮޑުވެފައި ވެއެވެ.