ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުގެ މުއްދަތު ހަމަވެ، ރޭގަނޑު ގެއިން ބޭރަށް ނިކުމެ އުޅުއްވުމުގެ ފުރުސަތު ދެ ބޭފުޅުންނަށް ލިބިއްޖެ އެވެ.
ޖުލައި މަހުގެ 27 ވަނަ ދުވަހު އަމީތާއި ސައުދު ހައްޔަރުކުރިއިރު، އެ ދެ ބޭފުޅުން ދޫކޮށްލާފައި ވަނީ ހަތަރު ވަނަ ފަހަރަށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން އޯގަސްޓް 20 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނިކޮށް މަޖިލިސް އިދާރާ އަށް ވަން މައްސަލައިގައި ހައްޔަރުކުރިއިރު، ދެ ބޭފުޅުން ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާއެކު އެވެ.
އެގޮތުން އަމީތާއި ސައުދަށް ވެސް ކްރިމިނަލް ކޯޓުން ޝަރުތުކޮށްފައި ވަނީ ރޭގަނޑު 9 އިން އަނެއް ދުވަހުގެ ހެނދުނު 6 އާ ދެމެދު ގެއިން ބޭރަށް ނުކުމެވަޑައިނުގަތުމަށާއި ހެކިވެރިއަކާ ބައްދަލު ނުކުރުމަށް އަދި ކޯޓަށް ހާޒިރުވުމަށެވެ.
އެއް މަސް ދުވަސް ވަންދެން ރޭގަނޑު 9 އިން އަނެއް ދުވަހުގެ ހެނދުނު 6 އާ ދެމެދު ގެއިން ބޭރަށް ނުކުމެވަޑައިނުގަތުމަށް ޝަރުތުކުރިއިރު، އެ މުއްދަތު ހަމަވެފައިވަނީ ބުދަ ދުވަހު އެވެ.
ރޭގަނޑު ގެއިން ބޭރަށް ނުކުމެވަޑައިގަތުން މަނާ ކޮށްފާތީ ދެ ބޭފުޅުންނަށް އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާތަކުގައި ބައިވެރިވެވިފައިނުވެ އެވެ. އެހެންނަމަވެސް، އެ މުއްދަތު ހަމަވުމާއެކު ބުދަ ދުވަހުގެ ރޭ އިދިކޮޅު ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ދެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުހައްގުން ޖަލު ގޮޅީގައި 23 ދުވަސް އަދި ރޭގަނޑު 9 ގެ ފަހުން ގޭ ބަންދުގައި 30 ދުވަހަށް ފަހު އިސްލާހީ މަސައްކަތަށް ނިކުމެވިއްޖެ ކަމަށެވެ.
Nuhaggun #Jalugolheega 23 dhuvas adhi reygandu 9 ge fahun geyga bandhu 30 dhuvahah fahu islaahee masakkathuga. Keep moving forward. pic.twitter.com/IRXx6ORp5x
— Saud Hussain MP (@SaudVillingili) September 20, 2017
އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ނުހައްގުން، ބޭއިންސާފުން" ރޭގަނޑު ބަންދުކޮށްފައި ހުންނަތާ އެއް މަސް ފާއިތުވީ ކަމަށާއި ކްރިމިނަލް ކޯޓުން ކުރި ޝަރުތުގެ މުއްދަތު ހަމަވީ ކަމަށެވެ.
Nuhaggun, beyinsaafun, reygadu gey bandhu koffa hunnathaa 1 mas. Criminal Court in kuri "sharuthuge" mudhdhathu hama vejje. Alhamdhulillahi. pic.twitter.com/V3GNEIBd6V
— Mohamed Ameeth (@MohamedAmeeth) September 20, 2017
މަޖިލީހަށް ވަން މައްސަލައިގައި ސައުދުއާއި އަމީތުގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
އަމީތާއި ސައުދުއާއެކު ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ) ވެސް ހައްޔަރުކުރި އެވެ. ފޯނު ނަމްބަރު ދިނުމަށާއި ގާނޫނާ ޚިލާފް ކަމެއް ނުކުރުމަށް ޝަރުތުކޮށް ވައްޑެ ދޫކޮށްލިއިރު، އޭނާގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ.