ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަލައާ ގުޅިގެން ދައުވާ ކޮށްފައިވާ ދެ މީހަކު މުޖުތަމައުއަށް ދޫކޮށްލާފައި ތިބޭތީ ރިލްވާނުގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅިގެން ޓެރަރިޒަމުގެ ދައުވާ ކޮށްފައިވަނީ ގ. ހިލްޓަން އާލިފް ރައޫފާއި، ސ. ހުޅުދޫ އަތިރިއާގެ މުހައްމަދު ސުއައިދު އާއި އަދި ގދ. ވާދޫ ކަރަންކާގެ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އެ މައްސަލައިގެ ޝަރީއަތް ބުދަ ދުވަހު ފެށިއިރު، އަޑުއެހުމަށް ހާޒިރުވެފައިވަނީ އާލިފާއި ނޫރައްދީނެވެ. ކޯޓަށް ހާޒިރުވުމުގެ ޗިޓް ފޮނުވުމުން ސުއައިދުގެ އާއިލާއިން ބުނެފައިވަނީ އޭނާ މަރުވެފައިވާ ކަމަށެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ދައުވާކުރި އިރުވެސް އޭނާ ރާއްޖޭގައި ނެތް ކަމަށާއި އުޅޭ ތަނެއް ހޯދިފައިނުވާ ކަމަށެވެ.
އެ އަޑުއެހުމާ ގުޅިގެން ރިލްވާނުގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އާލިފާއި ނޫރައްދީންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ކޮށްފައިވާއިރު އެ ދެ މީހުން މިނިވަންކަމާއެކު މުޖްތަމައަށް ދޫކޮށްފައި ބޭތިއްބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ޓެރަރިޒަމް ގެ ދައުވާތަކަކީ، ނުހަނު ނުރައްކާތެރި، ބޮޑެތި ކުށް ކަމަށާއި އެހެން ޓެރަރިޒަމްގެ ދަޢުވާތަކެކޭ އެއްގޮތަށް އެ ދެމީހުންނާމެދު ޢަމަލު ނުކުރެވޭތީ ކޯޓުތަކާއި، ޝަރުޢީ ދާއިރާ އަދި ޚާއްސަކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ފުލުހުންގެ ޒިންމާއާއި މިނިވަންކަމާއި މެދު، ޝައްކުގެ ނަޒަރަކުން ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ މިފަދަ އެހެންވެސް މައްސަލަތަކުގައި ޢާއްމުގޮތެއްގައި ކަންކުރާ އުސޫލާ ޚިލާފު ގޮތަކަށް މިމައްސަލައިގައި ދަޢުވާ ކުރެވޭ މީހުންނާމެދު ކަންކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށާއި އެހެންކަމުން ޖިނާއީ ޢަދްލު ހިންގުމުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ފުލުހުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލް އަދި ކޯޓުތަކުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
"ސުއައިދު ހޯދުމަށް ކްރިމިނަލް ކޯޓުން މަސަތްކަތްކޮށް ޗިޓު ހަވާލު ނުކުރެވި އަދި އޭނާގެ އާއިލާއިން އޭނާ މަރުވެފައިވާ ކަމަށްބުނުމާއި، ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުން ފުލުހުންގެ އިދާރާއަށް މިކަން އެންގުމުން މިހާރު އުޅޭތަނެއް ނޭންގޭ ކަމަށް ބުނެފައިވުމާއި މިހާރު ދައުވާކުރެވޭ ދެމީހުން މުޖުތަމައުއަށް ދޫވެފައި ތިބުމުން އެމީހުން ފިލައިގެން ދިއުމުގެ ފުރުސަތު އޮތުމާއި އަދި މިމައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުކުރެވިދާނެ ކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތެވެ." ބަޔާނުގައި ބުނެފައިވެއެވެ.
ރިލްވާން ގެއްލުވާލި މައްސަލާގައި ހަމައެކަނި އެ ތިންމީހުންގެ މައްޗަށް ދަޢުވާކުރާއިރު، ރިލްވާން ގެއްލުވާލުމުގެ ފަހަތުގައިވަނީ ކޮންބައެއްކަން އަދި ރިލްވާން ވަގަށްނެގުމަށްފަހު އޭނާއާމެދު ކަންތައް ކޮށްފައިވާގޮތް މިއަދާހަމައަށްވެސް ހޯދިފައި ނުވާކަން އެ އާއިލާއިން ފާހަގަކޮށްފައިވެއެވެ. އަދި އެންމެ ތިން މީހުން ވެގެން "މިވަރުގެ ބޮޑު ޖަރީމާއެއް" އިތުރު ބައެއްގެ ބައިވެރިވުމާއި ނުލައި، ހިންގިދާނެކަމަށް އާއިލާގެ ފަރާތުން ނުދެކޭ ކަމަށް ވެސް ބުނެފައިވެއެވެ.
އާއިލާއިން ބުނީ ރިލްވާނަށް އިންސާފު ލިބިމުގައި މި ކަންބޮޑުވުންތައް ހުރުމާއި މިކަންކަމަށް އެކަށީގެންވާ ގޮތެއްގައި ނުބެލިއްޖެނަމަ އިންސާފުވެރި ޝަރީއަތެއްކުރެވި ރިލްވާނަށާއި އާއިލާއަށް އިންސާފު ނުލިބި ހިނގައިދާނެ ކަމަށެވެ.
ރިލްވާން ވަގަށް ނަގާފައިވަނީ އޯގަސްޓް، 8، 2014 ގަ އެވެ. އޭނާ ވަގަށް ނެގިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.