އިންޑިއާގެ ޓްރިވެންޑްރަމްގައި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ބުދަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުން ދަނީ ސ، ހިތަދޫ ގޯޔާވިލާ، 87 އަހަރުގެ އަބްދުﷲ މަނިކުފާނެވެ.
އޭނާގެ ދަރިޔަކު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ބުނީ އަބްދުﷲ ބޭރަށް ނުކުތީ ގެސްޓްހައުސްގެ ދޮރުމައްޗަށް ޖެހިލާފައި އެބައަންނަމޭ ބުނެފައި ކަމަށާއި ނަމަވެސް އޭގެ ފަހުން ޚަބަރެއް ނުވި ކަމަށެވެ.
އޭނާ ބުނީ އަބްދުﷲ ގެއްލިގެން ހޯދަމުންދަނީ ބުދަ ދުވަހުގެ ރޭ 19:00 ހާއިރުން ފެށިގެންނެވެ.
މީގެއިތުރުން އޭނާ ބުނީ އެމީހުން ތިބީ ޓްރިވެންޑްރަމްގެ މެޑިކަލް ކޮލެޖް ސަރަހައްދުގައި ހުންނަ ހަސިސް ކިޔާ ގެސްޓް ހައުސެއްގައި ކަމަށެވެ. އަބްދުﷲގެ ދަރިފުޅު ބުނީ އަބްދުﷲގެ މާބޮޑު ބައްޔެއް ނެތް ކަމަށާ، އެހެން ނަމަވެސް އިންޑިއާއަށް ދިޔައީ ބައެއް ކުދިކުދި ކަންކަމަށް ފަރުވާ ހޯދުމަށް ކަމަށެވެ.
އޭނާ ބުނީ އަބްދުﷲ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ޓްރިވެންޑްރަމްގެ ފުލުހުންނަށް ހުށަހަޅާއިފައިވާ ކަމަށާއި ގެއްލުނު ރެ އިން ފެށިގެން ޓްރިވެންޑްރަމްގެ ފުލުހުން އަބްދުﷲ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މީގެ އިތުރުން ދިވެހި ފުލުހުންނަށްވެސް އެކަން ރިޕޯޓް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.