މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގައި ހިމެނޭ ރަށްތަކެއްގެ މައްސަލައިގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ވަކިވަކި 30 ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ތާވަލު ކޮށްފި އެވެ.
ޒިޔަތުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފުލުހުން ތަހުގީގު ކުރުމަށް ފަހު ދައުވާ ކޮށްދިނުމަށް ހުށަހެޅި 55 ރަށުގެ ތެރެއިން 30 ރަށުގެ މައްސަލައިގަ އެވެ. ޒިޔަތުގެ މައްޗަށް އެ 30 ރަށުގެ މައްސަލައިގައި ވަނީ ޚިޔާނާތްތެރިވުމުގެ ވަކިވަކި 30 ދައުވާއެއް އުފުލާފައެވެ.
މިއީ މިފަހުގެ ތާރީހުގައި އެކަކުގެ މައްޗަށް މިހާ ގިނަ އަދަދެއްގެ ދައުވާ ކުރި ފުރަތަމަ ފަހަރެވެ.
އޭގެ ތެރެއިން 23 ދައުވާއެއް އުފުލާފައި ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. އަނެއް ހަތް ދައުވާ އުފުލާފައި ވަނީ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ.
އެ ދައުވާތަކުގެ ޝަރީއަތް އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ފެށުމަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލު ކޮށްފަ އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމަށް ބުނެ އަދީބުގެ މައްޗަށް 10 ދައުވާއެއް ވަނީ ކޮށްފަ އެވެ. އެ ދައުވާތަކުގެ ޝަރީއަތް ވަނީ ފަށާފަ އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތަކާއި ކުއްޔަށް ދޫކޮށްގެން ދައުލަތަށް ވަންނަން ޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވީ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުންނެވެ.
އަދީބާއި ޒިޔަތުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލިއިރު، ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ފައިސާއަށް ޚިޔާނާތްތެރިވި، މައްސަލައިގައި އެ ދެ ބޭފުޅުންގެ މައްޗަށް މިހާރު ވެސް ވަނީ 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ޚިޔާނާތްތެރިވުމުގެ އެ ހުކުމުގެ އިތުރުން، ޓެރަރިޒަމުގެ ދެ ދައުވާއެއްގައި އިއްވި 15 އަހަރުގެ ޖަލު ހުކުމަކާއި 10 އަހަރުގެ ޖަލު ހުކުމަކާއެކު ޖުމްލަ 33 އަހަރުގެ ޖަލު ހުކުމްތަކެއް އަދީބު ގެންދަވަނީ ތަންފީޒް ކުރައްވަމުންނެވެ.