ރާއްޖެއަށް އިސްލާހު ގެނައުމަށް ގުޅިފައިވާ ޕާޓީތަކުން، މިޔަންމާގެ ރޮހިންޖާ މުސްލިމުންނާއެކު ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން މިމަހުގެ 29 ވަނަ ދުވަހު އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުން އެކަން އިއުލާން ކުރީ ބުދަދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން މ ކުނޫޒްގައި ބޭއްވި ޖަލްސާގައެވެ.
އެކަން ހާމަކުރެއްވުމުގެ ގޮތުން އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވީ އަނިޔާ ލިބެމުންދާ ރޮހިންޖާ މުސްލިމުންނާއެކު ދިވެހި އެންމެހާ ރައްޔިތުން ތިބިކަން ހާމަކުރެއްވުމުގެ ގޮތުން މިމަހުގެ 29 ވާ ހުކުރު ދުވަހު ހަވީރު 4ން 6ށް އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ދިވެހިން ރޮހިންޖާ މުސްލިމުންނާއެކު ތިބިކަން ހާމަކުރެއްވުމުގެ ގޮތުން ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމުގެ ގޮތުން ކޮންމެ މީހަކުވެސް އެމީހެއްގެ ޢާއިލާ ވެސް އެއެއްވުމަށް ގެނައުމަށް އެދިލައްވާ ކަމަށް ވިދާޅުވިއެވެ..
އެއްވުން އިއުލާން ކުރެއްވުމުގެ ގޮތުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވެފައި މުސްލިމުންނަށް ލިބެމުންދާ އަނިޔާ ތަކުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ދަނީ ދިވެހިންނަށް އޮޅުވާލަމުން ކަމަށް ވިދާޅުވިއެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ މުސްލިމުންނަކީ ކިތައްމެ ދުރުގައި ތިއްބެވިނަމަވެސް އެއީ އަޚުންތަކެއް ކަމަށާއި އެއްމުސްލިމަކަށް ލިބޭ ހިތާމައިގާ އަނެއް މުސްލިމަކު ބައިވެރިވާން ޖެހޭނެ ކަމަށެވެ. އެކަމުގެ ނަމޫނާ ދިވެހިންގެ ތެރެއިން ދެއްކުމަށް ވެސް އޭނާ އެދިލެއްވިއެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރެއް ކަމުގައިވާ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ މިއެއްވުން އިންތިޒާމް ކުރުމަށް އަދާލަތު ޕާޓީން އިސްނެންގެވީތީ ޝުކުރު އަދާކުރައްވާ ކަމަށާއި މިއެއްވުމާއި ގުޅޭ އިތުރު ތަފްސީލް ކުރިއަށް އޮތް ތަނުގައި ހާމަކުރައްވަމުން ގެންދަވާނެ ކަމަށެވެ.