ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އާއި ފާރިސް ހައި ކޯޓަށް ހުށަހެޅި ދައުވާގެ އަޑުއެހުން ތާވަލުކޮށްފި އެވެ.
ފާރިސްގެ ދިފާއީ ވަކީލު މައުމޫނު ހަމީދު ވިދާޅުވީ ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ އަޑުއެހުމެއް ބޭއްވުމަށް ހަމަ ޖެހިފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އެހެންމެ ފާރިސް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރިފައިވާ ކޯޓު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދަށު ކޯޓުން ނެރިފައިވާ އަމުރު ބާތިލް ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް އޮތީ މި މަހުގެ ސެޕްޓެމްބަރު 25 ވަނަ ދުވަހު ކަމަށެވެ.
އޭގެ އިތުރުން ދައުލަތުން ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހަށެވެ.
ފާރިސްގެ ގާނޫނީ ވަކީލުންގެ ފަރާތުން ހ.ތެމާގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫނު ހަމީދު ވިދާޅުވީ ރިޝްވަތު ދެއްވި ކަމަށްބުނެ ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި އޮންނާނީ އިބްތިދާއީ އަޑުއެހުންތައް ކަމަށެވެ. ނަމަވެސް ރިޝްވަތު ދެއްވުމުގެ ކުށުގައި ފާރިސް ބަންދުގައި ބެހެއްޓުމަށްފަހު ފަހު ރިޝްވަތު ހިފުމުގެ ދައުވާ އުފުލައި، ދައުވާކުރުމުގެ މުއްދަތު ހަމަވި ފަހުން އަލުން ރިޝްވަތު ދިނުމުގެ ދައުވާއަށް ބަދަލުކޮށްފައިވުމުން އެއީ މިހާރު ބާތިލް ދައުވާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
" އެހެންވީމަ އަޅުގަނޑުމެން ނުދެކެން ކްރިމިނަލް ކޯޓުން މި އިބްތިދާއީ އަޑުއެހުން ފެއްޓުމަށް ފަހު އިތުރަށް އެ ދައުވާ އާ ގުޅޭ އެއްވެސް ކަމެއް ކުރެވޭނެ ކަމަކަށް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ގާނޫނާ ރިއާޔަތް ކުރުމަށް ފަހު ވިދާޅުވާނެ ކަމަށް ޕްރޮސެކިއުޓާ ޖަނެރަލްއަށް ފުރުސަތު އޮވެމެ، އެ މުއްދަތުގެ ތެރޭގައި ދައުވާ ކޮށްފައިނުވާތީ އެ ދައުވާ ކުރެވޭކަށްނެތް ކަމަށް،" މައުމޫނު ހަމީދު ވިދާޅުވި އެވެ.
ބަންދުގައި ހުންނަ މީހަކު ހުންނަނީ ގާނޫނާ އެއްގޮތަށް ކަން ކަށަވަރު ކުރުމަކީ ކަރެކްޝަނަލް ސާވީސްގެ ޒިންމާއެއް ކަމަށް ވާތީ ފާރިސް ބަންދުގައި ހުންނަނީ ގާނޫނާ ހިލާފަށްކަން ކަރެކްޝަނުގެ ސަމާލުގެ ކަމަށް ގެނެސްފައިވާ ކަމަށްވެސް މައުމޫނު ވިދާޅުވި އެވެ. ދައުލަތުގެ މުވައްސަސާތަކުން ގާނޫނާ ހިލާފުވަމުންދާކަން ފާހަގަ ކުރައްވާ މައުމޫނު ވިދާޅުވީ ފުލުހުން ހިންގާ ގާނޫނާ ހިލާފު ކަންކަން އެއީ ރަނގަޅު ކަންކަން ކަމަށް ހެދުމަށް ޕްރޮސެކިއުޓާ ޖަނަލް މަސައްކަތް ކުރައްވާ ކަމަށެވެ.
ފާރިސްގެ މައްޗަށް ހިންގާ ޝަހުސް އޮޅުވާލުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ހިންގަމުންދަނީ ގާނޫނާ ހަމަތަކާ އަދި އިޖްރާއަތްތަކާ ހިލާފަށް ކަމަށްވާތީ އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަށް އެދުމުން ވެސް ހައި ކޯޓުން އެ މައްސަލަ ބެލޭނެ މައްސަލައެއް ނޫން ކަމަށްބުނެ ބޭރުކޮށްލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހައި ކޯޓުން ގާނޫނާތަކާއި އިޖްރާއަތްތަކާ ހިލާފަށް ހިންގަމުންދާ ކަންކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އަމުރެއް ކޮށްދިނުމަށް އެދި އެކަންވެސް ވެފައިނުވާ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ. ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައި ވަނީ ފާރިސް އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ހުކުމާ ހަމައަށް ގޮސްފައިވަނިކޮށް މައްސަލަ ބެލި ބެންޗް ބަދަލުކޮށްފައިވާ މައްސަލަ އެވެ. މައުމޫނު ހަމީދު އިތުރަށް ވިދާޅުވީ ދަށު ކޯޓުތަކުން ހިންގަމުންދާ ގާނޫނުތަކާއި ހިލާފަށް ކަންކަން ސުޕްރީމް ކޯޓުގެ ސަމާލު ކަމަށް ގެނެސް އެކަން ހުއްޓުވައި ދިނުމަށް އުސޫލުތަކާ އެއްގޮތަށް އެދުމުން އެކަން ނުހުއްޓުވުމުން އެކަންކަން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ވެސް ދެކޭ ކަމަށް މާނަ ކުރެވިދާނެ ކަމަށެވެ.