ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާ ލިބެމުންދާއިރު، ދުނިޔެ ހިމޭނުން އޮތުމުން ކަންބޮޑުވާކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ޔާމީން ވިދާޅުވީ، މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމް އުޚުތުންނާއި އަޚުންނާއި އަދި ކުޑަކުދިންނާމެދު އަނިޔާވެރި ލާއިންސާނީ ޢަމަލުތައް ހިންގަމުންދާއިރު އަދި ކުޑަކުދިންނާއި އެތައްބަޔަކު މަރަމުން ގެންދާއިރު މިކަމާމެދު އަޅާނުލައި، ބައިނަލްއަޤްވާމީ މުޖުތަމަޢު އޮތުމަކީ އަޅުގަނޑުމެން އެކަމާމެދު ވަރަށްބޮޑަށް ހިތާމަކޮށް، ކަންބޮޑުވާ މައްސަލައެއްކަމާ މި މައްސަލައަށް ބައިނަލްއަޤްވާމީ ގޮތުން މިއަދު ޙައްލެއް ހޯދައިދޭން އެބަޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ، ދިވެހި ދަރިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި އާ ހިތްވަރަކާއެކު ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ހިޖުރައިގެ އަގުހުރި ފިލާވަޅުތަކުން މުސްލިމުން އަބަދުމެ ޢިބްރަތް ލިބިގަންނަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި، އެ ފިލާވަޅުތައް އަޅުގަނޑުމެންނަށް ދަސްކޮށްދެނީ މާތްﷲ، އެކަލާނގެ ރަސޫލާއާ މަތިކުރެއްވި އަމާނާތް އަދާކުރެއްވުމަށް ދެއްވި އިސްކަން ކަމަށާ މާތްވެގެންވާ އިސްލާމްދީން ފުރިހަމަ ކުރެއްވުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެެވެ.
ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު، އިސްލާމީ އުންމަތާ ކުރިމަތިވެފައި މިވަނީ، އިސްލާމްދީނަށް ނަފުރަތުކުރާ އިސްލާމްދީނާ ދެކޮޅު ޢަދުއްވުންގެ އަނިޔާވެރި ޢަމަލުތަކާއި ދުއްތުރާތައް ހަނދާނަށް ގެންނަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މަތިވެރި ހިޖުރައިގެ ޢިބްރަތް ލިބިގަނެ، ދީނާއި ޤައުމުގެ ދިފާޢުގައި ކުރިޔަށް ދިއުމުގެ ރޫޙު އާކޮށް އާލާކުރެއްވުމަށް ދިވެހި ހުރިހާ އުޚުތުންނަށާއި އަޚުންނަށް މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާ ލިބެމުންދާއިރު، ދުނިޔެ ހިމޭނުން އޮތުމުން ކަންބޮޑުވާކަަމަށް\ ރައީސް އަބުދުﷲ ޔާމީން ވިދާޅުވިއިރު، އދ. ގެ 72 ވަނަ ސެޝަންގެ ރަސްމީ އެޖެންޑާގައި "ގަތުލު އާންމާއި، ހަނގުރާމައިގެ ކުށްތަކާއި، ނަސްލު ނައްތާލުމާއި، އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތައް ހުއްޓުވުމާއި ރައްކާތެރިކުރުމުގައި ޒިންމާއަދާކުރުން" ގެ ނަމުގައި ސަޕްލިމެންޓްރީ އައިޓަމެއް ހިމެނުމަށް ހުކުރު ދުވަހު ވޯޓް ނެގި އިރު ރާއްޖެއިން ފްލޯއަށް ހާޒިރުވެފައެއް ނުވެއެވެ. އެއާއިއެކު އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އިންތިހާއަށް ދަނީ ސަރުކާރަަށް އަމާޒުވަމުންނެވެ.