އަނެއްކާ ވެސް ސަރުކާރުގެ ބޮޑު ޚިޔާނާތްތަކެއް އޮޑިޓަޖެނެރަލް ހަސަން ޒިޔަތު ފަޅާއަރުވާލައްވައި ތަފްސީލްތައް ހާމަކުރައްވައިފިއެވެ.
އަންގާރަ ދުވަހު އޮޑިޓްއޮފީހުން ފަޅާއަރުވާލާފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ވާހަކަ ތަކަށް ފަހު ކޮރަޕްޝަންގެ އިނގިލި އެންމެބޮޑަށް ރައްޔިތުން ދިއްކުރަމުންދިޔަ އެއްކުންފުނި ކަމުގައިވާ ފެނަކަ ކޯޕަރޭޝަނެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓާ ގުޅޭ ޚާއްޞަ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ބޮޑެތި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެއްކަމަކީ އިމަޖެންސީ އުސޫލުން އެކި ފަހަރު، 2014 ވަނަ އަހަރު ގަނެފައިވާ ޖަނަރޭޓަރުގެ ތެރެއިން 38 ޖަނަރޭޓަރު އެންމެ ކުންފުންޏަކުން ކޯޓޭޝަން ހޯދައިގެން ގަނެފައިވުމާއި އެއީ ވަކި ކުންފުންޏަކަށް ފައިސާދޭން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ބެލެވުން ކަމަށެވެ
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެފްއެސްއެމުން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކުމަށް ހުށަހަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި އަމިއްލަ ފަރާތްތަކަކުން ޑީސަލް ގަތުމުގެ ސަބަބުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޑީސަލް ގަތުމަށް އިތުރަށް 21.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ. އަދި އެއް ފަރާތެއްގެ ވިޔަފާރިތަކެއްގެ ގޮތުގައި ބެލެވޭ ވިޔަފާރިތަކަކުން ކޯޓޭޝަން ހޯދައިގެން 2015 ވަނަ އަހަރު ޖުމްލަ 4.3 މިލިއަން ރުފިޔާގެ ޑީސަލް ގަނެފައިވާ ކަމަށާއި އެ ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެކި ވިޔަފާރިތަކަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރާ ޗެކުތަކާއި އެ ވިޔަފާރިތަކުގެ ފަރާތުން އެކަކު ހަވާލުވާކަން އެނގިފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތެލުގެ ވިޔަފާރި ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ނިސްބަތްވާ ތ. އަތޮޅުގެ އެކި ރަށްތަކުގައި ހުރި ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކުގެ ބޭނުމަށް އެންމެ ކުންފުންޏަކުން އަގު ހޯދައިގެން ޑީސަލް ގަނެފައިވާ ކަމަށާއި އެ ކުންފުނިން އެކަނި ވެސް 26 މިލިއަން ރުފިޔާގެ ޑީސަލް ގަނެފައިވާއިރު އެ ކުންފުނިން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކާފައިވާ އަގު އެފްއެސްއެމުން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކަން ހުށަހަޅާފައިވާ އަގަށް ވުރެން، އެވްރެޖް ގޮތެއްގައި ލީޓަރަކުން 1.29 ރުފިޔާ ބޮޑުކަންވެސް ވަނީ ހާމަވެފައެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ އަނެއް ކަމަކީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފެނާއި ނަރުދަމާގެ ބައެއް މަޝްރޫއުތައް އެކި ބައިބަޔަށް ބަހާލައިގެން އެކި ފަހަރުމަތިން ރާއްޖެ އިން ބޭރުގެ ދެ ކުންފުންޏަކާ ހަވާލު ކޮށްފައިވާ އިރު އަންދާސީ ހިސާބު ހޯދަން ކޮންމެ ފަހަރަކު ވެސް އާރުއެފްޕީ ފޮނުވާފައި ވަނީ އެއް ކުންފުނިތަކަކަށްކަމާއި ޓެކްނިކަލް އިވެލުއޭޝަނުން ބައެއް ކުންފުނިތައް ފޭލްވެފައިވީ ނަމަވެސް އެ ކުންފުނިތަކަށް ވެސް އާރުއެފްޕީ ފޮނުވާފައިވުމެވެ. އަދި މި މަޝްރޫއު ބޭރުގެ ދެ ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެރިޕޯޓުގައި ބުނެފައިވާ ގޮތުގައި މުދަލާއި ޚިދުމަތް ހޯދަން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން މުދަލާއި ޚިދުމަތް ފޯރުކޮށްދޭންޖެހޭ މުއްދަތަށް މުދަލާއި ޚިދުމަތް ފޯރުކޮށްނުދެވުމުގެ ސަބަބުން ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގައި ޖޫރިމަނާގެ ގޮތުގައި ކަނޑައަޅަން ޖެހޭ ދެ މިލިއަން ރުފިޔާ އުނި ނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަންވެސް ވަނީ ހާމަވެފައެވެ.
އިތުރު ކަމެއްގެ ގޮތުގައި ސ. ހިތަދޫގައި ގާއިމްކުރި ފެނަކައިގެ ޝޯ ރޫމަށް ތަކެތި ހޯދަމަށް އިއުލާންކޮށް، ބިޑު ހުށަހެޅި މީހުންގެ ތެރެއިން ތިން ވަނަ އަށް އެންމެ ގިނަ ޕޮއިންޓް ލިބުނު މީހުންނާ މަސައްކަތް ހަވާލުކޮށްފައިވާ ކަމާއި ކްރެޑިޓް ޕީރިއަޑެއް ނެތި ކޮންޓްރެކްޓަރަށް ފައިސާ ދީފައިވުމުން 2.3 މިލިއަން ރުފިޔާ ބޮޑުކޮށް މަސައްކަތް ހަވާލުކުރުމަށް ނިންމި ނިންމުމުގެ ހަގީގީ މަންފާ ކުންފުންޏަށް ލިބިފައި ނުވުން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި އަމިއްލަ ފަރާތްތަކުން ޑޮލަރު ގަތުމަށް 95 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު ޑޮލަރު ވިއްކާ ފަރާތްތަކަށް ކޮމިޝަންގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި ޑޮލަރު ގަތުމުގެ ހުއްދަ ދީފައި ނުވާ ފަރާތްތަކުން ޑޮލަރު ގަނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިންޖީނުގެތަކަށް ބޭނުންވާ ކޭބަލް ސަޕްލައި ކޮށްދިނުމަށް ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެމަސައްކަތައް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏަށް ވުރެ 2.3 މިލިއަން ރުފިޔާ އަގުބޮޑުކޮށް ބިޑް ހުށަހެޅި އެހެން ކުންފުންޏަކަށް މަސައްކަތް ހަވާލުކޮށްފައިވަނީ ޕްރޮޖެކްޓަށް ހުށަހެޅުނު ބިޑްތައް އިވެލުއޭޓް ކުރުމުގައި އެންމެބޮޑު ކްރެޑިޓް ޕީރިއަޑެއް ދިނުމަށް ހުށަހަޅާ ފަރާތަކަށް އިސްކަން ދީގެން ބިޑް އިވެލުއޭޝަން ކުރިއަށް ގެންގޮސްގެން ކަމަށްވާއިރު، ޕްރޮޖެކްޓް އެކުންފުންޏާ ހަވާލުކުރުމަށް ފަހު އެލްސީ ހުޅުވަން އުނދަގޫތަކެއް ކުރިމަތިވެފައިވާކަމަށް ނިންމައި ކްރެޑިޓް ޕީރިއަޑެއްނެތި ކޮންޓްރެކްޓަރއަށް ފައިސާ ދީފައިވުމުން 2.3 މިލިއަން ރުފިޔާ ބޮޑުކޮށް މަސައްކަތް ހަވާލުކުރުމަށް ނިންމި ނިންމުމުގެ ޙަޤީގީ މަންފާ ކުންފުންޏަށް ލިބިފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު އަމިއްލަ ފަރާތްތަކުން ޑޮލަރު ގަތުމަށް 95.56 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ޑޮލަރު ވިއްކާ ފަރާތްތަކަށް ކަމިޝަންގެ ގޮތުގައި 5.08 މިލިއަން ރޫފިޔާ ދޫކޮށްފައިވާކަން ފާހަގަ ކުރެވުމާއި އެމުއާމަލާތްތައް ގެންގޮސްފައި ވަނީ ހާމަކަންބޮޑު އުސޫލެއްގެ ދަށުން ނޫންކަމާއި ޑޮލަރު ގަތުމުގެ މުއާމަލާތް ކުރިއަށް ގެންދާނެ އުސޫލެއް ތައްޔާރުކޮށް ޢަމަލުކުރަމުން ގޮސްފައި ނުވުމާއި އަދި ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެމްއެމްއޭއިން ދީފައި ނުވާ ބައެއް ފަރާތްތަކުން ޑޮލަރު ގަންނަމުން ވެސް ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. .