ބަނގްލަދޭޝްއަށް އެތެރެވެފައިވާ ހަތަރު ލައްކައެއްހާ ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެމެރިކާގެ އެހީތެރިކަމަށް އެދިވަޑައިނުގަންނަވާ ކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުންފެށިގެން ކުރިއަށް ގެންދިޔަ އދ. ގެ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރެއްވި ފަހުން އެކަމަނާއާއި ރައީސް ޑޮނަލްޑް ޓްރަމްޕާ ވަނީ ބައްދަލުވެވަޑައިގެންފައެވެ.
ޓްރަމްޕްގެ ތަގްރީރުގައިވެސް ރޮހިންޖާ މުސްލިމުންގެ ވާހަކައަށް އެއްވެސް މިންވަރަކަށް އަލިއަޅުވާލައްވާފައެއްނުވެއެވެ.
"ޓްރަމްއާއި ކުޑަވަގުތުކޮޅަކަށް ބައްދަލުވި، ބަންގްލަދޭޝް ކިހިނެއްތޯ އެއްސެވި. ބުނިން ވަރަށް ރަނގަޅޭ. ބަންގުލަދޭޝްއަށް އެތެރެވަމުން އަންނަ މިއަންމާގެ ރެފިއުޖީންގެ ވާހަކަ ބުނިން. އެއީ މިވަގުތަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށް ބުނިން، އެއަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވި،" އެކަމަނާ ވިދާޅުވިއެވެ.
ޝެއިޚް ހަސީނާ ވިދާޅުވީ، އެކަމަނާގެ މި ވާހަކަފުޅަށް އެމެރިކާގެ ރައީސް ޓްރަމްޕް އެއްވެސް އެއްޗެއް ވިދާޅުނުވުމުން، އެބޭފުޅާގެ ނިންމުން ސާފު ވެއްޖެކަމަށެވެ. އަމިއްލަ ފުޅަށް އެހީއަށް އެދި ވަޑައިގަތުމުގެ ބޭނުމަކީ ކޮބައިތޯ އެކަމަނާ ސުވާލު އުފެއްދެވިއެވެ.
"ރޮހިންޖާ މީހުންގެ ވާހަކަ ކިޔައިދިނުމުން އެމީހުންނަކީ ހާލުގައި ޖެހި، އެހީއަށް ބޭނުންވެފައިތިބި ނިކަމެތިބައެއްކަން ޓްރަމްޕަށް އިހްސާސްވެވަޑައި ނުގަންނަވާނަމަ، އެހީތެރިކަމަށް އެދޭނެގޮތެއް ނުވިސްނޭ" އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ބަންގްލަދޭޝް އަކީ މުއްސަނދި ފުދިގެން އުޅޭ ގައުމެއް ނޫންކަމަށެވެ. ތޮއްޖެހިފައިވާ ގައުމެއް ނަމަވެސް 160 މިލިއަން މީހުންނަށް ދިރިއުޅެވެންޏާ، ރޮހިންޖާގެ ހާލުގައި ޖެހިގެން އެގައުމަށް އެތެރެވާ، ހަތްލައްކައެއްހާ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށް ނުދެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް އެކަމަނާ ވިދާޅުވިއެވެ.
" އަހަރެމެންނަށް އެކަން ވާނެ. އެެކަން ކުރާނަން ވެސްމެ. އަހަރެމެންގެ ކާއެތިކޮޅު އެމީހުންނަށް ދީގެން ކާނެ، އެކަން ކުރަން ތައްޔާރަށް މިތިބީ، މިހާރުވެސް އެކަން މިކުރަނީ އެގޮތަށް. އަހަރުމެންނަށް ކޮށްދެވެނީ މިވަރު" ޝެއިޚް ހަސީނާ ވިދާޅުވިއެވެ.
މިއަންމާގެ އަސްކަރީ ސިފައިންގެ ހަމަލާތަކުގައި އެގައުމުގައި ދިރިއުޅެމުންދާ ރޮހިންޖާ ދަރިކޮޅުގެ އެތަައް ބަޔަކު ލާއިންސާނީ އަނިޔާތަކުގައި މިހާތަނަށް ވަނީ މަރާލާފައެވެ. މި އަނިޔާއިން ސަލާމަތްވުމަށް ރޮހިންޖާގެ ހަތަރު ލައްކައަށްވުރެ ގިނަ މީހުންވަނީ ބަނގްލަދޭޝްގެ ބޯޑަރުން އެތެރެވެ އެގައުމުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭން ފަށާފައެވެ.
ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ހުންނެވީ އެ އެންމެންނަށްވެސް އެހީތެރިކަން ފޯރުކޮށްދީ އެގައުމުން މީހުނަށް ހިމާޔަތް ދޭން ތައްޔާރަށެވެ. އެހެން ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު ބާރުގެ ގޮތުގައި ބެލެވޭ އެމެރިކާއިން މި މައްސަލައާއިމެދު އެއްޗެއް ވިދާޅުވެފައި ނުވާތީ ރައީސް ޓްރަމްޕަށް ދުނިޔޭގެ ފާޑުކިއުން އަމާޒު ނުވެ ނުދާނެއެވެ.