އއ. އުކުޅަހުގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އިވެންޓް ބުދަ ދުވަހު ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ބާއްވައިފިއެވެ.
މަޝްރޫއުގެ ކޮންޓްރެކްޓަރެއްގެ ގޮތުން ސްޓެޓިކް ކޮމްޕެނީ އާ އެކު މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒު އެއްބަސްވުމުގައި ސޮއި ކުރެއްވި މި ދަނޑިވަޅަކީ ރަސްމީ ދަތުރުފުޅެއްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރ ތޯރިގް އިބްރާހިމް ނިއުޔޯކަށް ވަޑައިގެން އުޅުއްވާ ދުވަސްކޮޅެކެވެ. މިނިސްޓަރ މުއިއްޒު އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކްޓިންގ މިނިސްޓަރގެ ހައިސިއްޔަތުން ކަމަށް ހައުސިންގ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.
Minister @MMuizzu signed agreement as the acting minister of @EnvGovMv ,for the construction of sewerage facilities in Aa.Ukulhas pic.twitter.com/hi0fen4M4A
— housing.gov.mv (@HousingGovMv) September 20, 2017
އިވެންޓުގެ ކުރީ ސަފުން ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މަދު އޮފިޝަލަކު ފެނުނު ނަމަވެސް އެ އިވެންޓުގައި ބައިވެރިވި ގިނަ މީހުންނަކީ ކޮންބައެއްކަން ސާފުވާ ގޮތެއް ނުވެއެވެ. އޭގެ ތެރޭގައި ގިނައީ ސަރުކާރުގެ ރަސްމީ އިވެންޓު ތަކުގައި މީހުން ހެދުން އަޅާ ގޮތައް ހެދުން އަޅައިގެން ތިބި ބައެއް ނޫންކަންވެސް ފާހަގަ ކުރެވެއެވެ. އެނގިފައިވާ ގޮތުގައި އިވެންޓުގައި ބައިވެރިވުމަށް ދިޔަ އެކަކު ސޯޓު ބުރިއެއްގައި ވެސް ހުއްޓެވެ.
ކުއްލިއަކަށް އިންތިޒާމް ކުރެވިގެން ދިޔަ މި އިވެންޓުގެ ފޮޓޯ ތަކަށް ބަލާއިރު، މަޝްރޫއުގެ ކޮންޓްރެކްޓްގެ ކޮޕީތައް ބައިވެރިންގެ އަތުގައި ހުރިކަން ފާހަގަވެފައިވެއެވެ. ހައުސިންގ މިނިސްޓްރީން ހާމަކުރި ބައެއް ފޮޓޯތަކުންވެސް ކޮންޓްރެކްޓްގެ ކޮޕީ ހިފައިގެން ފޮޓޯ ނަގާފައިވާ މީހުން ފެންނަން ތިބެއެވެ. އުސޫލެއްގެ ގޮތުން ސަރުކާރާ އެކި ފަރާތްތަކާ ދެމެދު ހެދޭ ކޮންޓްރެކްޓް ތަކަކީ ހަމައެކަނި ދެފަރާތުގެ ދެމެދުގައި ބާއްވަން ޖެހޭ އެއްޗެއް ކަމުގައި ވިޔަސް އުކުޅަހުގެ ކޮންޓްރެކްޓްގެ ކޮޕީ ގިނަ ފަރާތްތަކަކަށް ދީފައިވާކަން ހާމަވެއެވެ.
މަޝްރޫއުގައި ސޮއި ކުރި ކުރި އިރު އުކުޅަހު ކައުންސިލަށް އަންގާފައި ނުވާކަން ރާއްޖެ އެމްވީއަށް ވަނީ ކަށަވަރު ވެފައެވެ.
އުކުޅަހުގެ ނަރުދަމާ ނިޒާމުގެ މަޝްރޫއުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތާ ގުޅޭ ގޮތުން އުކުޅަހު ކައުންސިލްގެ ރައީސަށް ރާއްޖެ އެމްވީން ގުޅާލުމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ އެ ރަށުގެ ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކުރި ނަމަވެސް އެކަން ކައުންސިލަށް ރަސްމީކޮށް އަންގާފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 25 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓްގެ 30 ޕަސެންޓަކީ އުކުޅަހު ކައުންސިލުން މަސައްކަތް ކޮށްގެން ސްޓެޓިކް ކޮމްޕެނީން ހޯދާފައިވާ ފައިސާ ކަމަށެވެ.
"އެެހެންވެ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ އަޅުގަނޑުމެންނަށް އެނގިގެން، އަޅުގަނޑުމެންގެ ހާޒިރުގައި ކުރަންޖެހޭ ކަމެއް. ނަމަވެސް މިކަން މިގެންދިޔައީ ވަރަށް ސިއްރިޔާތުގައި،" ޝައުކަތު ވިދާޅުވި އެވެ.
"އަދިވެސް މިކަން ރަސްމީކޮށް އަޅުގަނޑުމެންނަށް ނާންގައި. ހައުސިން މިނިސްޓްރީގެ ޕްރޮޖެކްޓް ކޯޑިނޭޓަރު ވިދާޅުވި މި ހަފުތާގައި ބަޔަކާ ހަވާލުކުރާނެ ކަމަށް. އަދި ހަވާލުކުރި ކަމެއް ވެސް ނޭނގޭ." ޝައުކަތު އިތުރަށް ވިދާޅުވިއެވެ.