ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީގެ ހިތުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރަޓަރީ ޖެނަރަލް އަހުމަދު ސަމީރު ވިދާޅުވީ ގާސިމްގެ ހިތުގެ އޮޕަރޭޝަން ކާމިޔާބް ކަމާއެކު ކުރެވިފައިވާ ކަމަށާއި އޮޕަރޭޝަންގައި އެއް ވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.
ޤާސިމް އިބްރާހީމްގެ ހިތުގެ އޮޕަރޭޝަން ކޮށްފައި ވަނީ ސިންގަޕޫރުގެ ނޮވެނާ އެމްޓީ އެލިޒަބަތު ހޮސްޕިޓަލްގައެވެ.
ރާއްޖެ އިސްލާހް ކުރުމަށް ހިންގޭ ހަރަކާތާއި ގުޅިގެން، ގުޅިފައިވާ ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ރިޝްވަތު ހުށަހެޅި ކަމަށް ކަނޑައަޅައި ޤާސިމް ވަނީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. ކްރިމިނަލް ކޯޓުން އެހުކުމް ކޮށްފައިވަނީ އޯގަސްޓް 24 ވަނަ ދުވަހު ކޯޓު ތެރެއަށް ޤާސިމް ވެއްޓިވަޑައިގަތުމާއި ގުޅިގެން ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށް އެރޭ ދަންވަރުއެވެ. ނަމަވެސް އެހުކުމުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން ފަރުވާދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ޤާސިމް ބެއްލެވި ސިންގަޕޫރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގެ ޑޮކްޓަރު ދެއްވި ލިޔުމުގައި ވިދާޅުވެފައިވާ ގޮތުން ޤާސިމަށް ވަނީ ސީރިއަސް މައްސަލަތަކެއް ތަހައްމަލު ކުރަންޖެހިފައި ކަމަށް ސަމީރު ވިދާޅުވި އެވެ. އެގޮތުން ޤާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތައް މައްސަލަ ޖެހިފައިވާ ކަމަށާއި، ގާސިމަށް ކުރިމަތިވެފައި ވަނީ "ވެސަލް ކޮރޮނަރީ އާޓެރީ ޑިޒީސް" ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެއެވެ. އަދި ޑޮކްޓަރުން ލަފާދެއްވާފައި ވަނީ ޓެސްޓުތަކަށް ފަހު ކުރިއަށް އޮތް ތިން މަހު އެ ޤައުމުގައި މަޑު ކުރެއްވުމަށެވެ.
އެކަމާ ގުޅިގެން އެލިޔުންތަކާއެކު މުއްދަތު އިތުރުކުރުމަށް ކަރެކްޝަނަށް އާއިލާއިން ހުށަހެޅުމުން މުއްދަތު އިތުރުކުރެވެން ނެތްކަމަށް ބުނެ ފަހުން ވަނީ އިތުރު 10 ދުވަސް ޤާސިމަށް ދީފައެވެ.