ހުސްނުވާ އާސަންދަ ސްކީމް" ގެ ދަށުން މިއަހަރު މިހާތަނަށް ރާއްޖެއިން ބޭރުން ކެންސަރު ބައްޔަށް 1100 މީހުން ފަރުވާ ހޯދާފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
"ހުސްނުވާ އާސަންދަ ސްކީމް" ގެ ދަށުން މިހާތަނަށް ދެވުނު ޚިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އާސަންދަ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ހަސަން ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް 3،776 މީހަކު ވަނީ އާސަންދަ އެހީގައި އިތުރު ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވައިފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މީގެ ތެރެއިން ވެސް އެންމެ ގިނަ ބަޔަކު ބޭރަށް ފޮނުވީ ކެންސަރު ބަލީގެ ފަރުވާއަށެވެ. އެގޮތުން 1،000 އަށް ވުރެ ގިނަ މީހުން ކެންސަރުގެ ފަރުވާ އަށް ފޮނުވާފައިވާއިރު މީގެތެރޭގައި އެއް ފަހަރަށް ވުރެ ގިނައިން ފޮނުވުނު މީހުން ހިމެނޭ ކަމަށް އާސަންދަ އިން ބުންޏެވެ.
ރާއްޖެ އިން ބޭރުން ފަރުވާ އަށް ދެން އެންމެ ގިނަ މީހުން ފޮނުވާފައި ވަނީ ލޮލުގެ ބަލިތަކާ ގުޅިގެންނެވެ. އޭގެއިތުރުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ނާރުގެ ބަލިތަކާއި ހަޖަމްކުރުމާއި ކިޑްނީގެ ބަލިތަކަށް ވެސް ބޭރުން ފަރުވާ ހޯދަން އާސަންދަ އިން ބޮޑު ހޭދައެއްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ މީހުން ބޭހަށް ފޮނުވާފައި ވަނީ އިންޑިއާ އާއި ސްރީ ލަންކާ އަށެވެ.
ހަސަން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގެ ތަރައްގީއާ އެކު ބޮޑެތި ބަލިތަކަށް ރާއްޖެ އިން ބޭރަށް ދިއުން ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމަށެވެ. އަންނަ މަހުގެ ތެރޭގައި ކެންސަރުގެ ގިނަ ފަރުވާތަކެއް އެ ހޮސްޕިޓަލުގައި ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިހައިތަނަށް ފޮނުވީ 3776 މީހުންނެވެ. އެއީ:
- ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް 1100،
- ލޮލުގެ ފަރުވާއަށް 363، ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ފަރުވާއަށް 307،
- ނާރުގެ ބަލިތަކުގެ ފަރުވާއަށް 227،
- ހަޖަމްކުރުމާއި ގޮހޮރުގެ ބަލިތަކަށް ފަރުވާ ކުރުމަށް 212
- ކަށީގެ ބަލިތަކަށް ފަރުވާކުރުމަށް 202
- ކިޑްނީ ގެ ބަލިތަކަށް ފަރުވާ ކުރުމަށް 198
- ހިތުގެ ބަލިތަކަށް ފަރުވާ ކުރަން 184
- ކުޑަކުދިންްގެ އެކި ބަލިތަކަށް ފަރުވާ ކުރުމަށް 180
- ކަރުން މަތީގެ ބަލިތަކަށް ފަރުވާ ކުރުމަށް 104 .