ސަރުކާރުގެ ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ތެރެއިން ފްލެޓް ލިބުނު ފަރާތްތައް އެނގޭނެ ލިސްޓެއް ދިނުމަށް ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީގައި އެދިއްޖެ އެވެ.
މިކަމަށް އެދި މާލޭ ސިޓީ ކައުންސިލުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއަށް އެޑްރެސް ކުރައްވާ ފޮނުވާފައިވާ ސިޓީގައި ވަނީ ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފަ އެވެ. އެގޮތުން ވެށިފަހި ޕްރޮގްރާމުގެ ދަށުން މާލޭގެ ރައްޔިތުންނަށް އަތް ފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރު ކޮށްދިނުމަށް މާލޭގެ ރައްވެހިން ގެދޮރަށް އެދި އެޕްލިކޭޝަން އެންމެ ފުރަތަމަ ހުށަހަޅަން ފެށީ ވެސް 2010 ވަަނަ އަހަރު ކަމަށެވެ. . އޭގެތެެރެއިން ބައެއް ފަރާތްތަކަށް ގެދޮރު ލިބޭނެ ކަމުގެ ލިޔުން އޭރުގެ ސަރުކާރުން ހަވާލު ކުރިކަން ވަނީ މި ސިޓީގައި ފާހަގަ ކޮށްފަ އެވެ.
މީގެ ކުރީގެ ސަރުކާރުން ހިންގާފައިވާ ހުރިހާ ހައުސިން ޕްރޮޖެކްޓެއްގެ ދަށުން ބިނާ ކުރެވުނު ގެދޮރާއި ބިން ދޫކުރެވިފައި ވަނީ ހާމަކަންބޮޑު ދެފުށް ފެންނަ އުސޫލުތަކުން ގެދޮރު ލިބުނު ފަރާތްތަކާއި ނުލިބުނު ފަރާތްތަކަކީ ކޮބައިކަން ހާމަކަން ބޮޑު ގޮތެއްގައި އެނގޭ ގޮތަށް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
މިގޮތަށް މައުލޫމާތު ހާމަކުރުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދުނު ޝަކުވާތައް މަދުވި ކަމަށް ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ. އަދި ކަމެއް ގޯސްކޮށް ހިނގާފައިވާ ނަމަ އެކަމެއް ފާހަަގަކޮށް ކަމާ ބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ އެންމެހާ މައުލޫމާތު އެފަރާތްތަކަށް އޭރު ދީފައިވާ ކަމަށް ސީޓީ ކައުންސިލުން ބުނެ އެވެ.
މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ ތެެރެއިން ބޯހިޔާވަހި ކަމަށް އެންމެ ބޮޑަށް ބޭނުން ޖެހި ހިތްދަތި ހާލަތުގައި ދިރިއުޅޭ އައިލާތަކަށް ބޯހިޔާވަހިކަން ހޯދާދިނުމަށް ކުރީގެ ސަރުކާރުތަކުން ފައްޓަވާފައިވާ މަޝްރޫއުތަކުގެ ދަށުން އަޅާ ނިންމި ފްލެޓްތަކަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ފްލެޓް ނުލިބި، މަދުން ޕޮއިންޓް ލިބުނު ފަރާތްތަކަށް ފްލެޓް ދޫކުރުމަކީ ކައުންސިލުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ. އަދި މިކަމުގެ ޝަކުވާތައް ރައްޔިތުން ވަރަށް ބޮޑަށް ކުރަމުން އަންނަ ކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ވަނީ، ހުޅުމާލެއިން ފްލެޓް ލިބޭ 661 ފަރާތެއްގެ މައުލޫމާތު ހާމަކޮށްފަ އެވެ. އެގޮތުން، އާންމު ކުރެވުނު ލިސްޓާ ގުޅިގެން ގިނަ ބަޔަކު ދަނީ ޝަކުވާ ހުށަހަޅަމުންނެވެ.