ކ. މާލެ
|
19 ސެޕްޓެންބަރ 2017 | އަންގާރަ 19:27
މިނިސްޓަރ މުނައްވަރު ރައްޔިތުންގެ މަޖިލީހުގައި
މިނިސްޓަރ މުނައްވަރު ރައްޔިތުންގެ މަޖިލީހުގައި
އަޒުމޫން އަހުމަދު
ސޮވެރިންގ ބޮންޑް
200 މިލިއަން ޑޮލަރު ބޮންޑުން މިއަހަރު ހޭދަކުރަނީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު
ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަކުރުމަށް ވަނީ ހަމަޖެހިފައި
26.8 ބިލިއަން ރުފިޔާ ބަޖެޓްގެ ގޮތުގައި ކަނޑައަޅާފައިވޭ
49.3 ޕަސެންޓަކީ ރިކަރެންޓް ޚަރަދު

ސަރުކާރުން ވިއްކާލި 200 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު މިއަހަރު އެއްކޮށް ހޭދަ ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ މުނައްވަރު ވިދާޅުވީ، މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން، 2017 ވަނަ އަހަރުގައި ހޭދަކޮށްފައި ވަނީ  ސަރުކާރުން ހިންގާ ބައެއް ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި އައިޖީއެމްއެޗްގެ އާ އިމާރާތާއި މަސްވެރިކަމުގެ ދާއިރާތަރައްގީ ކުރުމުގެ އިތުރަށް ރީޖަނަލް އެއަރޕޯޓް ތަރައްގީ ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް މި ދާއިރާތަކަށް ބޮންޑުން ހޭދަކޮށްފައި ވަނީ ސީދާ ކިހާވަރެއް ކަމެއް މިނިސްޓަރ ހާމައެއްނުކުރެ އެވެ. އަދި މިއަހަރުގެ ބަޖެޓަށް ބޮންޑު  ފައިސާއިން ހޭދަކުރިވަރާއި މިއަހަރު ހޭދަ ނުކުރާ ވަރުވެސް މިނިސްޓަރ މުނައްވަރު ހާމަ ނުކުރައްވަ އެވެ.

 އެހެން ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާގޮތުގައި ބޮންޑް ފައިސާ އިން މިއަހަރު ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބޮންޑުގެ ހުރިހާ ފައިސާއެއް ހަރަދުކޮށް ނިމޭނީ އަންނަ އަހަރުގެ މެދުތެރޭ ހިސާބުގައި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މައުލޫމާތުދީފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ބޮންޑު  ފައިސާއިން ސަރުކާރުން ކުރި ހަރަދުތަކުގެ ތަފްސީލު މަޖިލީހަށް ވަރަށް އަހަވަށް ހުށަހަޅުއްވާނެ ކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާ އިރު މި އަހަރުގެ ބަޖެޓުން ބޭރުގެ ފައިނޭންސް ހޯދައިގެން ހިންގާނެ ކަމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ، މާލެ-ހުޅުލެ ބްރިޖު މަޝްރޫއުއާއި ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކާއި  އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތް ކުރާ 600 ހައުސިން ޔުނިޓްގެ އިތުރުން މ. ފީރޯޒްލޮޖުގައި އަޅާ 10 ބުރީގެ ޓްރޭޑް ފެސިލިޓޭޝަން ސެންޓަރު ކަމަށް ބަޖެޓްގައި ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން ސައުދީ ފަންޑާއި އަބޫދާބީ ފަންޑާއި ކުވައިތު ފަންޑުގެ އިތުރުން ފްރެންޗު ޑިވެލޮޕްމެންޓް އެޖެންސީ (އޭއެފްޑީ) އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް އާއި އޯޕެކް  ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެޕްމެންޓް (އޮފިޑް) އާއި އެގްޒިމް ބޭންކް ޗައިނާ އާއި އެގްޒިމް ބޭންކް އިންޑިޔާގެ އިތުރުން ޔޫރޮޕިއަން އިންވެސްޓްމެންޓް ބޭންކު ( އީއައިބީ) އާއި އިސްލާމިކް ކޯޕަރޭޝަން ފޯ ދި ޑިވެލޮޕްމެންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ ( އައިސީޑީ) އިން ވެސް ތަފާތު އެކި މަޝްރޫއުތަކަށް ލޯން ނަގައިގެން ހޭދަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޑޮއިޝޭ ބޭންކް މެދުވެރިކޮށް ސަރުކާރުން ބޮންޑް  ވިއްކާލާފައިވާ އިރު 200 މިލިއަން ޑޮލަރުގެ ބޮންޑަށް 400 މިލިއަން ޑޮލަރުގެ ޑިމާންޑެއް ލިބުނު ކަމަށް މިނިސްޓަރ މުނައްވަރު މީގެ ކުރިން ވަނީ ހާމަ ކުރއްވައިފަ އެެވެ. ދައުލަތުގެ ބަޖެޓުގެ ގޮތުގައި މިއަހަރަށް ކަނޑައަޅާފައި ވަނީ 26.8 ބިލިއަން ރުފިޔާ އެެވެ. އޭގެ ތެރެއިން ހަރަދު ކުރުމަށް 22 ބިލިއަން ރުފިޔާ ހަމަޖެހިފައިވާ އިރު އޭގެ  ތެރެއިން 49.3 ޕަސެންޓަކީ ރިކަރެންޓް ހަރަދެވެ.

މީގެ އިތުރުން ބައެއް މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކޫކު ވިއްކައިގެން 1.4 ބިލިއަން ރުފިޔާ ހޯދާނެ ކަމަށް ސަރުކާރުން ކަނޑައަޅާފައިވެ އެވެ. އަދި ކޭޝް ފްލޯ ހަމަޖެެއްސުމަށް787.4 މިލިއަން ރުފިޔާގެ ޓީ ބިލް ވިއްކުމަށް ވަނީ ބަޖެޓު ކުރެވިފަ އެވެ. ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ސަރުކާރުން ދޫކޮށްފައިވާ ޓީބިލްގެ އައުޓްސްޓޭންޑިން  އަދަދު 22.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެމްއެމްއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ އިގްތިސާދީ މުރާޖައާ ރިޕޯޓުން ދައްކަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް