އަމިއްލަ މީހުންގެ 5000 އަކަފޫޓަށް ވުރެ ބޮޑެތި ބިންތަކުގައި އިމާރާތެއް ތަރައްޤީ ކުރާނަމަ އެއިމާރާތަކުން 2 ފަންގިފިލާއަށްވާވަރުގެ ޕާކިން އޭރިޔާއެއް ޤާއިމް ކުރަން ޖެހޭގޮތައް މާލޭގެ ޕްލޭނިންގ ގަވާއިދަށް ހަތަރުވަނަ އިސްލާހް ގެނެސް ގެޒެޓްގައި ޢާއްމު ކޮށްފިއެވެ.
ޕްލޭނިންގ ޤަވާއިދަށް ގެނައި ބަދަލުގައި ބުނެފައިވާ ގޮތުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން (ސްކޫލްތަކާއި، އެމް.އެން.ޑީ.އެފް، ޕޮލިސް ފިޔަވައި) 5000 އަކަފޫޓަށް ވުރެ ބޮޑު އޭރިޔާއެއްގައި ތަރައްޤީކުރާ އިމާރާތްތަކުން 4 ފަންގިފިލާ ނުވަތަ އެއާއި އެއްވަރުގެ އޭރިޔާއެއް ޢާއްމު ޕާކިންގއަށް ޚާއްޞަކުރަންވާނެއެވެ. އަދި އަމިއްލަ މީހުންގެ ގޯތީގައި 5000 އަކަފޫޓް ހިމެނޭނަމަ ޕާކިންގއަށް 2 ފަންގިފިލާ ނުވަތަ އެއާއެއްވަރުގެ އޭރިޔާއެއް ޕާކިންއަށް ޚާއްޞަކުރަން ޖެހޭނެއެވެ.
މީގެއިތުރުން ސްކޫލްތަކާއި، އެމް.އެން.ޑީ.އެފް އަދި ޕޮލިސް ފަދަ ތަނެއްގައި ނަމަ އެއަދަދުގެ ބިމެއްގައި އިމާރާތެއް ކުރާނަމަ އެަތަން ބޭނުން ކުރާނެ ފަރާތްތަކަށް ރިއާޔަތްކޮށް ޕާކިން އޭރިޔާ ދޭން ޖެހޭނެ ކަމަށް އެޤަވާއިދުގައި ވަނީ ބުނެފައެވެ.
މި ޤަވާއިދުގެ ދަށުން 100 ފޫޓަށްވުރެ އިސްކޮށް އިމާރާތް ކުރެވޭ ޢިމާރާތެއްގައި ބޭސްމަންޓް ޕާކިންގ ހަދާއިރު ގްރައުންޑް ފްލޯ ލެވެލް މަގުގެ ލެވެލަށްވުރެ އުސްކުރާނަމަ އަދި އެއުސްކުރާ މިން، މަގުމަތީ ލެވެލްއިން ފެށިގެން 1.5 މީޓަރަށްވުރެ އުސްނުވާނަމަ މުޅި އިމާރާތުގެ އުސްމިން 1.5 މީޓަރާ ހަމައަށް އިތުރަށް އުސްކުރެވިދާނެއެވެ. އަދި މިގޮތަށް އުސްކުރާ ބޭސްމަންޓް ބޭނުން ކުރެވޭނީ ހަމައެކަނި ޕާކިންގެ ބޭނުމަށެވެ.
އިމާރާތުގައި ޕާކިން އޭރިއާގެ ގޮތުގައި ކަނޑައެޅިފައިވާ އޭރިއާ އިމާރާތްކޮށްނިމުމުން ޗެކްކުރުމަށްފަހު ނޫނީ އިމާރާތް ބޭނުންކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. އަދި ޕާކިންއަށް ކަނޑައެޅިފައިވާ ބަޔަށް އެއްވެސް ބަދަލެއް ގެނެވޭނީ ހައުސިންގ މިނިސްޓްރީއަށް ކަމަށާއި ހުއްދަ ދީފައިވާ ޕާކިންގ އޭރިޔާގައި އެހެން ކަމެއް ކުރާނަމަ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ބާތިލް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
މި ޤަވާއިދުގައިވާ ގޮތުން 100 ފޫޓަށް ވުރެ އުސްކޮށް ހަދާ އިމާރާތުގެ ޕާކިންގ ކަނޑައެޅުމަށް ހަމަޖެހިފައިވާ ބައި ހަމަކުރުމަށްޓަކއި ދުވާރުން ފެށިގެން އަޑިއަށް 4 މީޓަރުގެ ބޭސްމަންޓެއް ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އިމާރާތުގެ އުސްމިން ބެލުމުގައި އެބައި ނުހިމެނޭނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން މާލެއާއި ހުޅުމާލެ ޓްރެފިކް ހައްލު ކުރުމަށްޓަކައި މީގެ ފަހުން އިމާރާތް ކުރާ އިމާރާތްތަކުގައިވެސް މިގޮތަށް ޕާކިން އޭރިޔާ ޤާއިމް ކުރަން ޖެހޭނެ ކަމަށް ވެސް ޤަވާއިދުގައި ވަނީ ބުނެފައެވެ.
މިޤަވާއިދަށް ބަދަލު ގެނައުމުގެ ކުރިން އޮންނަނީ 5000 އަކަފޫޓުގެ ބަދަލުގައި 2000 އަކަފޫޓް ހަމަވާނަމަ ޕާކިންގއަށް އެވަރަށް ތަން ދޫކުރުމަށެވެ.
މި ޤަވާއިދު މިމަހުގެ 17 ވަނަ ދުވަހު ގެޒެޓްކޮށްފައިވާއިރު މިޤަވާއިދަށް މިހާރު ވަނީ ޢަމަލްކުރަން ފަށާފައެވެ.