މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅިގެން ދައުވާ ކޮށްފައި ވަނީ ހ. ހިލްޓަން، އަހުމަދު އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ކަމަށެވެ.
ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމުގެ ދައުވާ އެވެ. އެ ދައުވާގެ ޝަރީއަތް ފެށުމަށް ތާވަލު ކޮށްފައިވަނީ ބުދަ ދުވަހުގެ މެންދުރު 1:30 ގަ އެވެ.
ތިން މީހުންގެ މައްޗަށް ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ. ދައުވާގައި ބުނަނީ އެ ތިން ބައިވެރިންވެގެން ރިލްވާން ގަދަކަމުން ފޮރުވާފައިވާ ކަމަށެވެ.
ދައުވާ ކޮށްފައިވާ ތިން މީހުންގެ ތެރެއިން އާލިފް ރައޫފާއި މުހައްމަދު ނޫރައްދީނަކީ މި މައްސަލައާ ގުޅިގެން 2016 ވަނަ އަހަރު ހައްޔަރުކުރި ދެ މީހުންނެވެ. އެ މީހުން ދޫކޮށްލާފައި ވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުންނެވެ.
ރިލްވާނު ވަގަށް ނަގާފައި ވަނީ އޮގަސްޓް، 8، 2014 ވަނަ ދުވަހުގެ ރެ އެވެ. ރިލްވާން ވަގަށް ނެގިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ފުލުހުން ބުނީ ރިލްވާން ގެއްލުނު ރޭ، ހުޅުމާލޭގައި އޮތް ރަތް ކުލައިގެ ކާރަކަށް މީހަކު ގަދަކަމުން އަރުވާ ކަމަށް ބުނެ އަދި މީހަކު ހަޅޭލަވާ ކަމަށް ބުނެ ބަޔަކު ރިޕޯޓް ކުރި ކަމަށާއި ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ކާރު ނެތް ކަމަށެވެ. އަދި ފަހުން އެ ކާރު ބަލާ ފާސްކޮށްފައިވާނެ ކަމަށާއި ކާރު ހުޅުމާލެއަށް ގެންގޮސްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ރިލްވާން ގެއްލުނު މައްސަލާގައި ބަލާ ފާސްކޮށްފައިވާ ކާރަކީ އާލިފް ރައުފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި އޮތް ކާރެކެވެ. އެ ކާރުގެ ތެރެއިން ރިލްވާންގެ މަންމަގެ ޑީއެންއޭ ލިބިފައިވާ ކަމަށާއި އެ ޑީއެންއޭ ލިބިފައިވަނީ ޑިކީގައި އަޅާފައި އޮތް ކާޕެޓެއްގެ ތެރޭގައި އޮތް އިސްތައްޓަކުން ކަަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ރިލްވާން ގެއްލުނު ރޭ މާލޭގައި ރިލްވާން ސައިކަލް ދުއްވި އިރު، އޭނާގެ ސައިކަލް ފަހަތުން ބަޔަކު ދުއްވާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ރިލްވާނަށް ފާރަލި މީހުންގެ ތެރޭގައި މުހައްމަދު ސުއައިދު ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ސުއައިދުގެ މައްޗަށް މި މައްސަލައިގައި ދައުވާ ކޮށްފައިވާއިރު، ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި އޭނާ މަރުވެފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.