މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާތީ ދެ މީހަކު ގޭގައި ބަންދު ކުރުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ދައުލަތަށް ދައްކަން ޖެހޭ ފައިސާ ކޯޓުން ހުކުމް ކުރުމުން ވެސް ދައްކާފައިނުވާތީ ގޭގައި ބަންދުކުރުމަށް ހުކުމް ކޮށްފައިވަނީ ނ.ލަންދޫ، ބުލޫ، ޖައުފަރު ރަޝީދާއި މއ. މަދޮށިގެ، ޒުހުރާ ރަޝީދޫގެ މައްޗަށެވެ. އެ ދެމީހުންވެސް ގޭގައި ބަންދު ކޮށްފައިވަނީ އެއް މަސްދުވަހުގެ މުއްދަތަށެވެ.
މީރާއިން ހުށަހެޅި މައްސަލައާ ގުޅިގެން ޖައުފަރު ރަޝީދުގެ މައްޗަށް ހުކުމް ކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އަދި ޒުހުރާ ރަޝީދަށް ހުކުމް ކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ އެވެ.
އެ ދެ ކުމުގައި ވެސް ބުނެފައި ވަނީ ސިވިލް ކޯޓުން އޭގެ ކުރިންކޮށްފައިވާ ހުކުމާއި އެއްގޮތައް މީރާ އަށް ފައިސާ ދައްކާފައިނުވާނުވާކަން ދެ ފަރާތުގެ ބަހުން ވެސް ކޯޓަށް ސާބިތުވާ ކަމަށެވެ.
އަދި އެއް މަސްދުވަހަށް ގޭގައި ބަންދުކުރީ މިއީ ހުކުމަކާ އެއްގޮތައް ފައިސާ ނުދައްކާކަން ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ ކަމަށް ބުނެފައިވެ އެވެ. މި ދެ މީހުންގެ މައްޗަށް އެ ހުކުމް އިއްވީ ސާބިތު ދަރަނީގައި އަމަލު ކުރަންވީ ގޮތުގެ ގަވާއިދުގެ (ހ) ދަށުންނެވެ.
ރަހުނު ނުހިމެނޭ ސާބިތު ދަރަނީގައި އަމަލުކުރަން ޖެހޭ ގޮތުގެ ގަވާއިދު ބުނާގޮތުން ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކޮށްގެން މައްސަލައެއް ދުވަނަ ފަހަރަށް ސާބިތުވެއްޖެ ނަމަ އެމީހަކު އަރުވާލުން ނުވަތަ ޖަލަށްލާން ހުކުމް ކުރެވޭނެ އެވެ. އަދި ތިން ވަނަ ފަހަރު ނަމަ އަދަބު ކުރިއަށް ވުރެ ބޮޑު ކުރެވެ އެވެ.
ހުކުމާ އެއްގޮތަށް އަމަލު ނުކޮށްގެން އެންމެ ފަހު ފިޔަވަޅަކަށް އެޅެނީ ދަރަނި ދައްކަންޖެހޭ މީހާގެ މުދާ ޝަރީއަތުން ވިއްކާލައިގެން އެ ދަރަނި އަދާ ކުރުމެވެ. ޓެކްސް ފައިސާގެ މައްސަލަތައް ނޫނަސް ރަހުނު ނުހިމެނޭ ދަރަނީގެ އާންމު މައްސަލަތަކުގައި ވެސް އެގޮތަށް އަމަލު ކުރެވެ އެވެ.