ކ. މާލެ
|
19 ސެޕްޓެންބަރ 2017 | އަންގާރަ 05:34
ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ކައުންސިލް މެންބަރު ޔުމްނާ މައުމޫން
ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ކައުންސިލް މެންބަރު ޔުމްނާ މައުމޫން
މުހައްމަދު ޝަރުހާން
އިސްލާހީ މަސައްކަތް
މަޖިލީހުގަ މަސައްކަތް ކުރާނެ މާހައުލެއް ނެތް، ފާރިސް ހައްޔަރުކުރީ މަޖިލިސް އިސްލާހުކުރަން މަސައްކަތްކުރާތީ: ޔުމްނާ
ޤައުމުގެ ކަންކަން އިސްލާހުކުރެވޭނީ މަޖިލިސް މިނިވަންކޮށްގެން
އިސްލާހަށް ހުރަސް އަޅުއްވަނީ މަޖިލީހުގެ ރައީސް
މަސައްކަތަށް ތާޢީދުކުރައްވާ ވަކީލުންގެ އަދަދު އިތުރުވެގެން ދިއުމަކީ އިސްލާހީ މަސައްކަތަށް ލިބުނު ކުރިއެރުމެއް

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންނަށް ފައިދާހުރި ގޮތަށް މެންބަރުން މަސައްކަތް ކުރެއްވުމަށް އެކަށޭނަ ޖާގައެއް އޮތްކަމަށް ދެކިނުލައްވާ ކަމަށާ، ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ހައްޔަރުކުރެވިފައިވަނީ މަޖިލިސް އިސްލާޙުކުރެއްވުމަށް ފެއްޓެވި މަސައްކަތާއި ގުޅިގެން ކަމަށް ޤަބޫލުކުރައްވާކަމަށް، ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ކައުންސިލް މެންބަރު އަދި ފާރިސްގެ ދައްތަ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވީ، 45 މެންބަރުންގެ ސޮޔާއިއެކު، މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލިހަށް ވައްދައި، އެ ވޯޓު ކާމިޔާބުކުރެއްވުމަށް ފާރިސް އިސް ދައުރެއް އަދާކުރެއްވީ، ޤައުމުގެ ކަންކަން އިސްލާހުކުރެވޭނީ މަޖިލިސް މިނިވަންކޮށްގެން ކަމަށް ދެކިލައްވާތީ ކަމަށެވެ.

"މަޖިލީހަށް ހަޤީޤަތުގަ އޭގެ ދައުރެއް އަދައެއް ނުކުރެވޭ. ސަރުކާރު ޖަވާބުދާރީ ކުރުމުގެ ދައުރެއް އަދައެއް ނުކުރެވޭ. ރައްޔިތުންނަށްޓަކާ މަޖިލިސް މެންބަރުން ކުރައްވަންޖެހޭ، މަސައްކަތް ކުރެއްވޭނެ މާހައުލެއް ނެތޭ. މި ހުރިހާ ކަމަކަށް ހުރަސް އަޅުއްވަނީ މަޖިލީހުގެ ރައީސް. މިކަންކަން އެޖެންޑާ ނުކުރެއްވުމާ، އެކަންކަން އެޖެންޑާ ކުރެއްވިޔަށް އަވަހަށް މަޝްވަރާކުރާނެ ފުރުޞަތެއް ނުދެއްވާ،ބިލްތަކާއެއްޗެހި އަވަސްކޮށްލައްވައިގެން ކަންކަން ނިންމަވާލެއްވުމާ. އެހެންވީމަ މަޖިލިސް ތެރޭގަ ނެތޭ ކަންކަން އިސްލާހު ކުރުމުގެ ރޫހެއް، އެ ފުރުސަތެއް"

ޔުމްނާ ވިދާޅުވީ ޕާޓީތަކުން ގުޅިގެން، ހަތަރު ސިޔާސީ ލީޑަރުން އެކީގައި ކުރައްވާ މަސައްކަތްޕުޅަކީ، މަޖިލިހުގެ ތެރެއިން ކަންކަން އިސްލާހުކުރުމަށް ކުރައްވާ މަސައްކަތްތަކެއް ކަމަށެވެ.

ފާރިސްގެ ބަންދާއި އިސްލާހީ މަސައްކަތާއި ގުޅޭގޮތުން ޔުމްނާ އިތުރަށް ވިދާޅުވީ ފެނިގެންދާ މަންޒަރަކީ އިސްލާހު ކުރުމުގެ ވާހަކަ ދައްކާ ކޮންމެ މީހަކަށް އެކި ކަހަލަ ގެއްލުންތައް ވަމުންދާ މަންޒަރުކަމަށެވެ. އެގޮތުން ޖުޑީޝަރީ އިސްލާޙު ކުރުމަށް ގޮވާލުމުން ސަސްޕެންޑް ކުރި ވަކީލުންނަށް ކަން ދިމާވިގޮތް ފާހަގަކުރައްވާ ޔުމްނާ ވިދާޅުވީ، އިސްލާހީ މަސައްކަތާއި ވަކީލުން ގުޅިވަޑައިގެން، އެ މަސައްކަތަށް ތާޢީދުކުރައްވާ ވަކީލުންގެ އަދަދު އިތުރުވެގެން ދިއުމަކީ އިސްލާހީ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް