ވިލިނގިލީގައި ފްލެޓްދީފައި ވަނީ އެރަށުގެ ރައްޔިތުންގެ ތެރެއިން ފްލެޓް އެންމެ ބޮޑަށް ބޭނުންވެފައި ތިބި ރައްޔިތުންނަށް ނޫން ކަމަށާއި ހައުސިން މިނިސްޓްރީން އާންމު ކުރި ލިސްޓުގެ ސަބަބުން ރަށުގެ ހަމަޖެހުން ގެއްލިފައިވާ ކަމަށް ވިލިނގިލީ ކައުންސިލްގެ ރައީސް މުސްްތަފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ގއ. ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ ވިދާޅުވީ، ފްލެޓް ލިބުނު ކަމަށް އިއުލާނު ކޮށްފައިވާ ލިސްޓުގައި ހިމެނޭ ގިނަ ފަރާތްތަކަކީ ފްލެޓް އެންމެބޮޑަށް ބޭނުންވެފައިވާ ފަރާތްތައް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެެވެ. އެގޮތުން ކުޑަ ގެއެއްގައި ދެތިން ހަތަރު އާއިލާ ދިރިއުޅެމުންދާ ތިން ހަތަރު ދަރިން ލިބފައިވާ ފަރާތްތަކަށް ވެސް ފްލެޓް ލިބިފައިނުވާ ކަމަށެވެ. އެގޮތުން މިފަދަ މީހުންނަށް ފްލެޓް ލިބިފައިނުވާ އިރު ދަރިއަކު ނުލިބޭ މީހުންނަށް ވެސް ފްލެޓް ލިބިފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ. މުސްތަފާ ވިދާޅުވީ، ފްލެޓް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓު އިއުލާނު ކޮށްފައިވާއިރު ފްލެޓް ލިބުނު ގޮތްތައް ސާފު ނުވާ ކަމަށާއި މިކަންކަމުގެ ސަބަބުން، ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުންތައް އުފެދި، އެކުވެރިކަމުގެ ގުޅުންތަކަށް އޭގެ އަސަރު ކުރަމުންދާ ކަމަށެެވެ.
" ވިލިނގިއްޔަށް އުފަން އެހެން ނަމަވެސް ކުއްޔަށް އަމިއްލަ ރަށުގައި ދިރިއުޅެމުންދާ ފަރާތްތައް ރަށުގައި އެބައުޅޭ. އެފަރާތްތަކަށްވެސް ފްލެޓް ނުލިބުމަކީ ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއްް." މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ، ހައުސިން މިނިސްޓްރީން އެރަށުގައި ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށްގެންދާ އިރު ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒާއި ބައްދަލުކުރުމަށް ރަސްމީކޮށް އެދިފައިވީ ނަމަވެސް އެކަންވެސް ކާމިޔާބުވެފައިނުވާ ކަމަށެވެ. އެގޮތުން ކައުންސިލުން އެދިލެއްވި އެދިލެއްވުމަށް ގާތްގަނޑަކަށް ވިހި ދުވަސްފަހުން މިވަގުތު ބައްދަލުކުރެވެން ނެތް ކަމަށް ބުނެ ހައުސިން މިނިސްޓްރީ އިން ސިޓީއެއްގެ ފޮނުވާފައިވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލިނގިލީގެ ރައްޔިތުން މިކަން ހާމަކޮށްފައިވާ އިރު ހއ.ދިއްދޫގައި ފްލެޓް ދީފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން އެރަށު ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެެވެ.
ވިލިނގިލީގެ ރައްޔިތުންގެ ތެރެއިން ކެޓަގަރީއޭ އިން 37 ފަރާތަކަށް ފްލެޓް ލިބުނުކަން ހައުސިން މިނިސްޓްރީން އާންމު ކޮށްފައިވާ އިރު ކެޓަގަރީ ބީ އިން ފްލެޓް ލިބިފައި ވަނީ ފަސް ފަރާތަކަށެވެ. މިހުރިހާ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފައިނުވާ އިރު ހަމައެކަނި ހާމަކޮށްފައި ވަނީ ފޯމު ނަންބަރު އެކަންޏެވެ.