މާލެ ސިޓީ، ހދ. ކުޅުދުއްފުށި އަދި ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ބަހުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެމްޕީއެލްގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ލ. އަތޮޅު ގުޅިފައިވާ ރަށްތަކާއި ކުޅުދުއްފުށީގައި މަހެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް މާލޭގައި ބަހުގެ ޚިދުމަތް ދިނުމަށް އަދި ގޮންޖެހުންތަކެއް ދިމާވަމުންދާ ކަމަށާއި އެކަންކަން ހައްލުކުރުމަށް ކުރެވެމުންދާ މަޝްވަރާތަކުގެ އަލީގައި މާ ގިނަ ދުވަހެއް ނުކޮށް ޚިދުމަތް ދޭން ފެށޭވަރު ވާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
ހަލީމް އިތުރަށް ވިދާޅުވީ މިހާރު ވެސް އެމްޕީއެލްއިން ބަހުގެ ޚިދުމަތް ދެމުންގެންދާ އައްޑޫ ސިޓީއާއި ފުވައްމުލަކުގައި މި ޚިދުމަތް އިތުރަށް ފުޅާ ކުރުމުގެ މަޝްވަރާތަކެއް ވެސް ކުރަމުން ގެންދާ ކަމަށެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ފައިދާ ހުރި ޚިދުމަތްތަކެއް ތަޢާރަފްކުރުމަށް ކަމަށާއި އެމްޕީއެލްއާއި މިފަދަ މަސައްކަތެއް ހަވާލު ކުރީ އެކުންފުންޏަކީ މިހާރުވެސް މިފަދަ ޚިދުމަތް ދިނުމުގައި ތަޖްރިބާ ލިބިފައިވާ ކުންފުންޏެއް ކަމަށްވާތީ އެވެ.