ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 15:37
ވަކީލުން ވަނީ ދުސްތޫރީ ފަސާނާގެ ނަމުގައި ހަރަކާތެއް ފަށާފަ
ވަކީލުން ވަނީ ދުސްތޫރީ ފަސާނާގެ ނަމުގައި ހަރަކާތެއް ފަށާފަ
މުހައްމަދު ޝަރުހާން
އެމްނެސްޓީ އިންޓަނޭޝަނަލް
ވަކީލުންތަކުގެ ސަސްޕެންޝަން އުވާލުމަށް އެމްނެސްޓީއިން ގޮވާލައިފި
ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެއްޖެ
އިދިކޮޅު ފަރާތްތަކުގެ ހުރިހާ ވަކީލުންނެއް ވަނީ ސަސްޕެންޑް ކޮށްފަ
ސިޔާސީ މަގުސަދުތަކެއް ހާސިލްކޮށް އަމިއްލަ މަސްލަހަތު ކުރިއަރުވަން

ރާއްޖޭގެ ޝަރުއީ ނިޒާމް ބޭނުން ކުރަމުން ދަނީ ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ގެންގުޅޭ "ޓޫލް" އެއްގެ ގޮތުގައި ކަމަށް ބުނެ ސަސްޕެންޑް  ކޮށްފައިވާ ހުރިހާ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި އެވެ.

ޝަރުއީ ދާއިރާގައި އިސްލާހު ކުރަންޖެހޭ ކަންތައްތައް ބަޔާންކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން އުޅުމުން 54 ވަކީލަކު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެ ވަކީލުންތައް ސަސްޕެންޑް ކުރިއިރު، އިތުރު ދެ ވަކީލުން ސަސްޕެންޑް ކޮށްފައި ތިބޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން 13 ވަކީލަކަށް ހޯމަ ދުވަހު ވަނީ އަލުން ހުއްދަ ދީފަ އެވެ.

ޖުމްލަ 56 ވަކީލަކު ސަސްޕެންޑު ކޮށްފައިވަނިކޮށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ  ވަކީލުންގެ ބޮޑު ބައެއް ސަސްޕެންޑް ކުރުމާ ގުޅިގެން ނިޒާމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނީ ތަފާތު އެކި ކުށްތަކުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރަމުންދާ ދަނޑިވަޅެއްގައި ގިނަ އަދަދެއްގެ ވަކީލުންތަކެއް ސަސްޕެންޑް ކުރުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް ގާނޫނީ ވަކީލުންގެ ހާޒިރުގައި މައްސަލަތައް ކުރިއަށް ގެންދިއުމުގެ ހައްގު ގެއްލިފައިވާ  ކަމަށެވެ.

އެގޮތުން ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި، އެމްޑީޕީގެ އިތުރުން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހުރިހާ ގާނޫނީ ވަކީލުން ސަސްޕެންޑް ކޮށްފައިވާކަން އެ ޖަމިއްޔާ އިން ފާހަގަ ކޮށްފައިވެއެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ  ގޮތުގައި ވަކީލުން ސަސްޕެންޑް ކުރީ ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއި ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤު ކުރަމުންދާތީ އެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރައްދު ދެމުން އެމްނެސްޓީއިން ބުނެފައި ވަނީ، އެ ނިންމުމުގެ ސަބަބުން ބައިނަލްއަގްވާމީ މުއާހަދާތަކުންނާއި ރާއްޖޭގެ ގާނޫނު އަސާސީން ވަކީލުންނަށް ކަށަވަރު ކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވިފައިވާ ކަމަށެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަކީ ސުޕްރީމް ކޯޓުގެ  ދަށުން ހިންގާ އިދާރާއެއްކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ ސަސްޕެންޑް ކުރަން ނިންމި ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ވެސް ވަކީލުންނަށް ނުލިބޭ ކަމަށެވެ.

އިތުރަށް އެ ޖަމިއްޔާ އިން ބުނީ ދިވެހި ސަރުކާރުން އެއްވެސް އިހުލާސްތެރިކަމެއް ނެތި ޖިނާއީ އަދުލުގެ ނިޒާމަށް ބަދަލުތައް ގެންނަމުންދާ ކަމަށާއި ޝަރުއީ ދާއިރާ ބޭނުން ކުރަމުން ދަނީ ސިޔާސީ މަގުސަދުތައް ހާސިލްކޮށް ވަކީލުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅަން ގެންގުޅޭ ވަސީލަތެއްގެ ގޮތުގައި ކަމަށެވެ.

އެމްނެސްޓީއިން ވަނީ ވަކީލުންގެ ސަސްޕެންޝަން އުވާލައި، ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ވަކީލުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ބަލައިގަތުމަށް ގޮވާލާފަ އެވެ. އަދި ސިޔާސީ މަގުސަދުތައް ހާސިލްކޮށް އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް ޝަރުއީ ދާއިރާގެ ނާޖާއިޒް ބޭނުން ހިފުން ހުއްޓާލައި، ވަކީލުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް