ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ކެންސަލް ކޮށްފި އެވެ.
އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިމި، ހުކުމް ނުކުރެވި ގިނަ ދުވަސްތަކެއް ފަހުން، އެމައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗް ވަނީ ބަދަލުކޮށްފަ އެވެ.
ފާރިސްގެ އިސްތިއުނާފް މައްސަލަ ބައްލަވަމުންދާ ބެންޗުގެ ރިޔާސަތަށް މިހާރު ހަމަޖައްސާފައި ވަނީ ފަނޑިޔާރު ޝުޖާއު އުސްމާން އެވެ.
ފާރިސްގެ އިސްތިއުނާފް މައްސަލަ ކުރިން އޮތީ ހައިކޯޓުގެ ބީ8 ސެކްޝަންގައެވެ. އެހެން ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ނިމިފައި އޮންނަތާ މަހެއްހާ ދުވަސް ފަހުން ހޯމަ ދުވަހުގެ 11:15 އަށް މައްސަލަ ތާވަލުކުރި އިރު މައްސަލަ އޮތީ ބީ6 ސެކްޝަންގައެވެ.
ފާރިސްގެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބްދުލް ރައޫފް އިބްރާހީމް އެވެ.
ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. ހައިކޯޓުގެ ތާވަލުގައިވާ ގޮތުން ބެންޗުން ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.
ފަނޑިޔާރު ޝުޖާއު އުސްމާން ފާރިސްގެ މައްސަލަ ބައްލަވާ ބެންޗަށް ހަމަޖައްސަވާފައިވާއިރު، އެމަނިކުފާނު ހުންނެވީ ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރަކަށެވެ. ނަމަވެސް ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ވަޑައިގެން ހައިކޯޓުގައި މަސައްކަތް ކުރެއްވުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ދަށުން، ތިން ފަނޑިޔާރުން މާލެ ވަޑައިގެން އާދިއްތަ ދުވަހު ވަނީ މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.