ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 11:51
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ވޯކްޝޮޕްގެ ތެރެއިން
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ވޯކްޝޮޕްގެ ތެރެއިން
ގެޓީ އިމޭޖަސް
ޖެންޑަރ އީކުއަލިޓީ
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނާ ގުޅޭ ވޯކްޝޮޕެއް ބާއްވައިފި
ދައުލަތުގެ 13 މުއައްސަސާގެ އިތުރުން އދގެ ފަސް އޭޖެންސީއަކާއި 15 ޖަމްޢިއްޔާއަކުން ޖުމްލަ 49 ފަރާތަކުން ބައިވެރިވި

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ވެލިޑޭޓްކުރުމަށްޓަކައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ޔޫއެންޑީޕީ ގުޅިގެން ވެލިޑޭޝަން ވޯކްޝޮޕެއް ބާއްވައިފިއެވެ.  

މި ވޯކްޝޮޕްގެ މަސައްކަތް ފެށުމުގެ ގޮތުން ހޯމަ ދުވަހު ޗަންޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޕަރމަނަންޓް ސެކްރެޓަރީ އައިމިނަތު ޝިފާނާ ވިދާޅުވީ ޖެންޑަރގެ ދާއިރާއަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން ދިވެހިރާއްޖެ ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ، އަދި ހޯދަމުން އަންނަ ދާއިރާއެއް ކަމަށެވެ. ވަކި ޖިންސަކަށްވީތީ ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށާއި، ދެ ޖިންސުގެ މީހުންނަށް ހަމަހަމަކަމާއެކު ފުރުޞަތު ހޯދާދިނުމަށް ދައުލަތުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނަކީ ޖިންސުގެ ހަމަހަމަކަން ޤާއިމުކުރުމަށާއި، ވަކި ޖިންސަކަށްވީތީ ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމަށް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޝިފާނާ ވިދާޅުވިއެވެ.

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ވޯކްޝޮޕްގެ ތެރެއިން 

މި ވޯކްޝޮޕްގައި މަޝްވަރާކޮށްފައިވާ މި އެކްޝަން ޕްލޭނަކީ ކަމާބެހޭ އެންމެހައި އިދާރާތަކާއި އަދި ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ކުރިން ޙިއްޞާކުރެވި މަޝްވަރާކުރެވިފައިވާ އެކްޝަން ޕްލޭނެކެވެ. ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނުން މައިގަނޑު ފަސް ލަނޑުދަނޑިއެއް ހާސިލުކުރުމަށް ސިޔާސަތުތަކާއި ޕްރޮގްރާމްތައް ހިމަނާފައިވެއެވެ. އެގޮތުން، އަންހެނުންނާއި ފިރިހެނުންނަށް ލީޑަރޝިޕް އަދި ގަވަރނެންސްގެ ދާއިރާއިން ހަމަހަމަ ފުރުޞަތުތައް ހޯދައި ދިނުމާއި، އިޤުތިޞާދީ ގޮތުން ޤައުމު ތަރައްޤީކުރުމަށާއި އިޤުތިޞާދީ މަންފާ ހޯދުމަށް އަންހެނުންނާއި ފިރިހެނުން ބާރުވެރި ކުރުވައި، ހަމަހަމަ ގޮތެއްގައި ފުރުޞަތުތައް ލިބޭކަން ކަށަވަރުކުރުމާއި، އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވައި، ނަފްސުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަމާއެކު ޢަދުލު އިންސާފު ލިބިދޭކަން ކަށަވަރުކޮށްދިނުމަކީ މިއެކްޝަން ޕްލޭނުން ހާސިލުކުރުމަށް ކަނޑައަޅާ މުހިންމު ލަނޑުދަނޑިތަކެކެވެ.

މި ވޯކްޝޮޕްގައި ދައުލަތުގެ 13 މުއައްސަސާގެ އިތުރުން އދގެ ފަސް އޭޖެންސީއަކާއި 15 ޖަމްޢިއްޔާއަކުން ޖުމްލަ 49 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ވޯކްޝޮޕްގެ ތެރެއިން 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް