ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރަން ހަމަޖެއްސި ފްލެޓްތަކަށް ހުށަހެޅި މީހުންނަށް ދިން ސްލިޕުގައި އޮތް މާކްސް އަކީ ފައިނަލް މާކްސް ކަމަށް ބުނުމުގެ ފުރުސަތު އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފްލެޓާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވަނިކޮށް ހައުސިންގ މިނިސްޓްރީއިން މިހާރު ބާއްވާ ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ފޯމް ހުށަހެޅުމުން، ފޯމުގައިވާ ކަންތައްތަކަށް ބެލުމަށް ފަހު ދިން މާކްސް އަކީ ފައިނަލް މާކްސް ނޫން ކަމަށާއި ސްލިޕް ކޮޅުގައި ވެސް އެފަދައިން ބަޔާން ކޮށްފައިވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ހިއްސާކޮށްފައިވަނީ އެ މީހުންގެ ޒާތީ މައުލޫމާތު ސިއްރުކުރުމަށް ކަމަށާއި ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އެހެން މީހުންނަށް އެނގެން ނުޖެހޭނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެ މީހަކަށް ލިބުނު މާކްސް އެނގެން ޖެހޭނީ އެ މީހަކަށް ކަމަށެވެ.
ވޯޓާސް ލިސްޓުގައި މީހުންގެ ނަމާއި އައިޑީކާޑް ނަމްބަރު ހިމަނާއިރު، ފްލެޓް ލިބުނު ލިސްޓުގައި ހިމަނާފައިނުވަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން، މުއިއްޒު ވިދާޅުވީ ވޯޓާސް ލިސްޓުގައި މީހުންގެ ނަމާއި މައުލޫމާތުތައް ހިމަނަނީ އެއްޗެއް ލިބިގެން ނޫން ކަމަށެވެ.
ފްލެޓަށް މަތިން މާކްސް ލިބުނު މީހުންނަށް "މެޑަމް ފާތުން ކެމްޕެއިން އޮފީހުން" ގުޅައި ފްލެޓާ ބެހޭ ގޮތުން ވާހަކަ ދެއްކި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މުއިއްޒު ވިދާޅުވީ ހައުސިންގ މިނިސްޓްރީއިން ކުރާ މަސައްކަތާއި އެ އޮފީހުގެ މަސައްކަތްތަކާ ގުޅުވައިގެން ވާހަކަ ދައްކަނީ ކީއްވެ ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މެޑަމް އޮފީހުން ކުރާ މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި ރައްޔިތުންގެ ހާލު ބަލައި، ރައީސް ޔާމީނަށް ތާއީދުކުރަންތޯ އެ އޮފީހަށް ސުވާލު ކުރެވޭނެ ކަމަށެވެ.