މ. މަޑުއްވަރީން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވައިގެ މަގުން ފަށައިފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ހޯމަ ދުވަހު ވިދާޅުވީ އާދީއްތަ ދުވަހު މޫދަށް ދިޔަ ފަހުން ހަބަރެއް ނުވެގެން ހޯދަމުންދާ އާބާދީ ގުލްޝަންގޭ އުމުރުން 60 އަހަރުގެ އިބްރާހިމް ހޯދުމަށްޓަކައި، ހޯމަ ދުވަހުގެ ހެނދުނުން ފެށިގެން އެމްއެންޑީއެފްގެ ހެލިކޮޕަޓަރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
ހެލިކޮޕްޓަރު ބޭނުންކުރަން ފެށުމުގެ ކުރިން ވެސް، އޭނާ ހޯދުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ކަނޑުމަގުން ދިޔައީ ކުރަމުންނެވެ. މި މަސައްކަތުގައި ކޯސްޓްގާޑުގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އިބްރާހިމް ގެއްލިގެން އެކަން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ރިޕޯޓްކޮށްފައި ވަނީ އާދީއްތަ ދުވަހު 9:30 ހާއިރު ކަމަށާއި އެ ރިޕޯޓް ލިބުމާއެކު، މ .މުލީ ޕޯސްޓްގެ ސިފައިން އޭނާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް އެންމެ ފަހުން ފެނިފައި ވަނީ އެރަށު ފުއްޓަރު ފަރާތުގައި އާދީއްތަ ދުވަހު ހެނދުނު 07:30 ހާއިރު ފައިގައި ވެލިމޮޑެން އިންދައެވެ. އެމީހާ ލައިގެންހުރި މުންޑު އެރަށު ހުޅަނގު ފަރާތު މޫދުން ވަނީ ފެނިފައެވެ.